އަންނަ މަހުން ފެށިގެން ހާފިޒުންނަށް ދޭ އެލަވަންސް ދެގުނައަށް ބޮޑުކުރަން ނިންމަވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް ދެގުނައަށް ބޮޑުކުރަން މި ހުފްތާގައި އޮތް ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
“ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް.” ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖުލައި 16 ގައި ބޭއްވި ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000ރ. އެވެ. ނަމަވެސް އަލަށް ގެންނަ ބަދަލާއެކު ކޮންމެ މީހަކަށް 4،000ރ. ލިބޭނެ އެވެ.
ރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.






