ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަ ވުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ހިޖުރައިގެ އިބުރަތްތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ މިއަދުގެ ޚުތުބާގައި ބުނީ ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމަށެވެ.
ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައި ވަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ހާދިސާއަށެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާ ކަމަށްވެފައި މި ފެށޭ ހަފުތާއަކީ ހިޖުރީ އާ އަހަރެއް ފެށޭ ހަފުތާއަށް ވާތީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަން ޖެހޭ ކަމެއް ކަމަށް ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.
މިގޮތުން ކީރިތި ރަސޫލާ މައްކާ ދޫކޮށް މަދީނާއަށް ކުރެއްވި ހިޖުރައިގެ ހާދިސާގެ ތަފްސީލުތައް ބަޔާން ކުރައްވަމުން ޚުޠުބާގައި ބުނެފައިވަނީ ރަސޫލާގެ ހިޖުރާގައި ތަފާތު އެތަކެއް އިބުރަތްތަކާއި ދަރުސްތައް ހިމެނޭ ކަމުގައެވެ.
މިގޮތުން ހިޖުރައިން ލިބޭ އެއް ފިލާވަޅެއްގެ ގޮތުގައި ޚުތުބާގައި ބަޔާން ކޮށްފައިވަނީ އިސްލާމް ދީނަށްޓަކާ ތިމާގެ ހުރިހާކަމެއް ގުރުބާން ކުރުމުގެ މަތިވެރި ފިލާވަޅެވެ.
ޚުތުބާގައި ބުނެފައިވާ ގޮތުގައި ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ، އެކަމެއް ފެށުމުގެ ކުރިން ފުރިހަމަޔަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި، ފުރިހަމަޔަށް ހަމަޖައްސާފައި ވުންކަމުގައެވެ. މިގޮތުން ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން ކުރެއްވި އެއްކަމަކީ ހިޖުރައިގެ ހަތަރު މަސްކުރިން ދަތުރުގެ ސަވާރީ ތައްޔާރު ކުރައްވަން ފެއްޓެވުމެވެ.
މީގެ އިތުރުންވެސް ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުދަނގޫ ވަގުތުގައިވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމުގައި ތިބޭނެކަމުގެ ފިލާޅު ހިމެނޭ ކަމަށާއި، ހިޖުރައިގެ ހާދިސާއަކި އިސްލާމީ ފުރިހަމަ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިސާއެއްކަމުގައިވެސް ބަޔާން ކުރައްވާފައި ވެއެވެ.
ޚުތުބާގައި ވިދާޅުވެފައިވާ ގޮތުގައި ހެއްދެވި ފަރާތަށް ވަކީލުކުރަން ޖެހޭކަމުގެ ފިލާވަޅަކީ ހިޖުރައިގެ ހާދިސާއިން ލިބޭ މުހިންމު ފިލާވަޅެކެވެ. އަދި ތިމާ ހައްދަވާ ބޮޑުކުރެއްވި ފަރާތަށް ވަކީލު ކުރުމަކީ ވަކީލު ކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުން ނޫންކަމުގައި ބަޔާން ކުރަމުން ، ކަންކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން އެކަނލާގެ ހަޒުރަތުން ރައްކާތެރިކަން ލިބޭނެކަން ޔަގީން ކޮށްގެން ތިބުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.






