ގައުމު ހަލާކުނުވެ، ސަލާމަތްކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ހުލްގުހެޔޮ ބޭފުޅެއް ވެރިކަމެއް ގެނައުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރު ނިމިގެންދިޔަ އިރު، ހުރިހާ ކުންފުންޏެއް އޮތީ ބިލިއަނުން ދަރާފައި ކަމަށާއި ކުންފުނިތައް މެދުވެރިކޮށް އެތައް ވައްކަމެއް ކޮށްފައިވާ ކަމަށެވެ.
ޖަލްސާގެ ކުރިން އެއްވެސް ފަރާތަކަށް ރައްދު ނުދިނުމަށް ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށާއި އެކަމުން އެ މަނިކުފާނުގެ ޚުލްގު ހެޔޮފުޅުކަން އެނގިގެންދާ ކަމަށެވެ. އަދި މީގެ ކުރިން ގައުމު ހަލާކުވެގެންދިޔައީ ރައީސް މުއިއްޒު ފަދަ ޚުލްގުހެޔޮ ބޭފުޅެއް ވެރިކަން ނުކުރެއްވުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ސަލީމް، ވަނީ ގައުމުގެ އިގުތިސާދީ ހާލަތާ މެދުވެސް ވާހަކަދައްކަވާފައެވެ.
އެގޮތުން، 2018އިން 2023ގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ހެދި ދިރާސާތަކުން ފާހަގަވެފައި ހުރި ބައެއް ތަފުސީލުތައް ސަލީމް ހާމަކުރެއްވިއެވެ.
ކުންފުނިތަކުގެ މާލީ ހާލަތަކީ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ އެއްޗެއް ކަމަށާއި ކޮންމެ ކުންފުންޏެއް މިދިޔަ ސަރުކާރުގައި އޮތީ ތިން ބިލިއަން ނުވަތަ ހަބިލިއަނުން ދަރާފައި ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.
ކޮމިޓީގެ ދިރާސާތަކަށް ރިއާޔަތްކުރައްވައި ސަލީމް ވިދާޅުވީ، ބޮޑު އަގުގައި މަސައްކަތް ހަވާލުކޮށް، ތަކެތި ގަނެގެން ހަމައެކަނި ފެނަކައަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ‘ވަގަށް ނަގާފައި’ އެބަ އޮތް ކަމަށެވެ.
ސަލީމް ވިދާޅުވީ ދައުލަތުގެ އާމްދަނީ މިހާރު ދުވަހުން ދުވަހަށް މައްޗަށް ދާ ކަމަށާއި މައްސަލައަކީ އާމްދަނީއަށް ވުރެ ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި ދައްކަން ޖެހޭ ނިސްބަތް އިތުރުވުމުން ކަމަށެވެ.
މީހެއްގެ ސިކުނޑިން ވިސްނާލަބަލާ އެއް ބިލިއަން ޑޮލަރު އެއް އަހަރުން ދައްކާ ގޮތަށް 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ގައުމެއްގައި ކުރާނެ ތޯ. މީ ހެޔޮ ނުވާވަރުގެ ކަމެއް ނޫންތޯ ކުރަން. އެއް ބިލިއަން ރުފިޔާ ދެއްކީމައި ދައުލަތަށް ލިބޭ އާމްދަނީގެ ދެބައި ކުޅަ އެއްބައި ދިޔައީ
ސަލީމް އެ އިޝާރާތް ކުރެއްވީ، ރާއްޖެއިން އަންނަ އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ މައްސަލައަށެވެ.
މިމޭރުމުން ސަލީމް ވާހަކަދެއްކެވި ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗުން ވެސް ވަނީ މި އަހަރާއި އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޮޑު ދަރަނި ނުދެއްކިދާނެކަމުގެ ބިރުބޮޑުކަން މިދިޔަ ހަފުތާގައި ފާހަގަކޮށްފައެވެ. އަދި، ރާއްޖެއަށް ދީފައި އޮތް ‘ސީސީ’ ނުވަތަ ‘ޖަންކް’ ރޭޓިން ވަނީ ދަމަހައްޓައިފައެވެ.