ނާޒިމްގެ ޚިޔާލު: ކައުންސިލަރުން މަދުކޮށް، މުސާރަ ބޮޑުކުރުން

l_174590184064NX5W.jpg

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ނާޒިމް

ކައުންސިލްތަކުން އުފެއްދުންތެރި މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދެވޭނީ ކިޔަވައިގެން ތިބި، ކޮލިޓީ ހުރި ޒުވާނުން ރަށްރަށަށް އައިސްގެން ކަމަށާއި، އެކަން ކުރެވޭނީ މިހާރު ތިބި ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ބަހުސްކުރުމަށް ހުށަހަޅާފައި އޮތް ގަރާރުގެ އިބުތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މި ގައުމަށް މިއަދު ބޭނުންވަނީ އުފެއްދުންތެރި ބަޔަކު ނުކުމެ، އުފެއްދުންތެރި މަސައްކަތްތަކެއް ކުރުން ކަމަށެވެ. ހަމައެކަނި އޮފީހަށް ނުކުމެ، އިނގިލީގެ ނިޝާން ޖެހުމަށް ފަހު ނިކުމެ ދާ މީހުން ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮންމެ މީހަކީ ވެސް އުފެއްދުންތެރި މަސައްކަތްތަކެއް ކުރާނެ ބަޔަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ކިޔަވައިގެން ތިބި، ކޮލިޓީ މީހުންނާއި، ކައިރި ރަށްރަށުގައާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުން ރަށަށް އައިސް ޚިދުމަތްކޮށްދޭނެ ގޮތެއް ވެސް ހަދަން އެބަޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތަށް ޒުވާނުންނާއި، ކިޔަވައިގެން ތިބި މީހުން ރަށްރަށަށް ދާނީ އެމީހުންނަށް އެކަށީގެންވާ މުސާރައަކާއެކު ވަޒީފާ ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ހައްލަކީ ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލަރަކަށް ލިބޭ މުސާރަ ބޮޑުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވަނީ ، ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަކީ ހަމަޖެހޭކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އަހަރުވެސް 2.4 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދިނުމަށް ކަނޑައެޅިކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

އަދި އެފައިސާގެ ތެރެއިން ކައުންސިލްތަކަށް ޚަރަދު ނުކުރެވި، ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާއާ 2.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ކައުންސިލްތަކުގެ އެކައުންޓުތަކުގައި އެބަހުރި ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން އެނގެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

“އާމްދަނީން ޕަސެންޓަކަށް ހަދާފައި އޮތީމާ، އާމްދަނީ ބޮޑުވަމުންދާ ވަރަކަށް ބްލޮކް ގްރާންޓް ބޮޑުވަމުންދޭ. އެ އަދަދު ބޮޑުވަމުން ދިއުމަކީ ރައްޔިތުންނަށް އެއްޗެއް ލިބޭތީ އަޅުގަނޑު މައްސަލަ ޖެއްސުމެއް ނޫން.” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވާއިރު، މި އަހަރަށް ލަފާކުރި ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި އެންމެ ފުރަތަމަ ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އެއީ ގާނޫނުގައި ބުނާ މިންވަރަށްވުރެ ކުޑަ އަދަދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top