އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީ ( ކުޑައަލީ މުހައްމަދު )ބ. އަތޮޅު ހޮސްޕިޓަލްގައި މިއަދު ހެނދުނު އެޑްމިޓް ކޮށްފިއެވެ. އުމުރުން 84އަހަރުވީ މުހައްމަދު އަލީ އެޑްމިޓްކޮށްފައިވަނީ ލޭ މައްޗަށް ދިއުމާ ގުޅިގެން ހަށިގަނޑު މަސައްކަތްކުރުން ވަރަށް ބޮޑަށް ދަށްވުމުން ކަމުގައި އޭނާގެ އާއިލާއިން މައުލޫމާތު ދެއްވައެވެ.
‘”ހެނދުނު ހޮސްޕިޓަލަށް ގެނައި އިރު ވާހަކައެއްވެސް ނުދެއްކޭ. އަދި އެއްޗެއް ނުވެސް ކެވޭ. ރަނގަޅަށް ކޮޅަކަށްވެސް ނުހުރެވޭ. އެހެންނަމަވެސް މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު. އަދި މިހާރު މިއުޅެނީ އިތުރު ފަރުވާއަށް މާލެއަށް ގެންދިއުމުގެ މަސައްކަތުގައި” އާއިލާގެ ބޭފުޅަކު އީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
13 ކުދިންގެ ބައްޕަ ކުޑައަލީ އަލީ މުހައްމަދު ފާހަގަަކުރެވިފައިވަނީ ވަރަށް ދީލަތި ބޭފުޅެއްގެ އިތުރުން އިޖްތިމާއީ ކަންކަމުގައާއި އޭދަފުށީގެ ތަރައްގީއަށް ގިނަ ޚިދުމަތް ކުރެއްވި މުރާލި ބޭފުޅެއްގެ ގޮތުގައެވެ. އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ފުނަދޫ އުޑޫދޫ އަދި މާއްޑޫ މީހުން އޭދަފުށްޓަށް ބަދަލު ކުރުމުގެ މަސައްކަތް ހިމެނެއެވެ. އޭރުގެ ބ. އަތޮޅު އަތޮޅު ވެރިޔާ މަރްހޫމް ޔޫސުފްކަލޭފާނާއެކު މަސައްކަތް ކުރެއްވި ޓީމުގައި ހިމެނުނު ޒުވާނުންގެ ތެރޭގައި އެންމެ ހަރަކާތްތެރި އަދި އެ ބިޔަ މަޝްރޫއު ކާމިޔާބާއެކު ނިންމާލުމުގައި މުހައްމަދުއަލީ ފާހަގަ ކުރެވިފައިވަނީ އެޓީމުގެ ހީރޯގެ ގޮތުގައެވެ. މީގެ އިތުރުން އޭނާވަނީ އޭދަފުށީ ބސމދ ޖަމިއްޔާގެ މަސްއޫލު މަގާމްތަކެއް ވެސް ފުރުއްވާފައިވެއެވެ.
އޭދަފުށީ ވޮއިސް އިން މުހައްމަދު އަލީއަށް އަވަސް ޝިފާއަކަށް އެދެމެވެ.