ހައްޖުވެރިންގެ ބީއެމްއެލް ކާޑަށް، މިހާރުގެ ޑޮލަރު ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އަންގަވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެ މަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރަމުން ގެންދާ ގިނަގުނަ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއަށް ޝުކުރު ދަންނަވާފައެވެ.
މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާގެ އަޅުކަމަށް ދިޔަ ބީއެމްއެލް ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޑޮލަރު ލިމިޓް ބީއެމްއެލްއިން ދީފައިވެއެވެ.
މި އަހަރު ރާއްޖޭން ހައްޖަށްދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26ގައި ސައުދީ އަރަބިއްޔާއަށް ދިއުމަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ހަތަރުވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ.