އަންނަ މަހުން ފެށިގެން ތައިލެންޑް އަށް ދަތުރުކުރާ ދިވެހިން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަން ޖެހޭ ގޮތަށް ހަދައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަން ޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީން ވިދާޅުވީ މި އޮންލައިން ފޯމް ފުރިހަމަ ކުރަންޖެހޭނީ މި ލިންކް މެދުވެރިކޮށް ފުރުމުގެ 3 ދުވަސް ކުރިން ކަމަށެވެ.
މި ބަދަލުގެ ސަބަބުން ރާއްޖެ އާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްްޓްރީން ބުނީ ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރު ވެސް 90 ދުވަހުގެ “އެންޓްރީ ވިސާ”ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށެވެ.
ތައިލެންޑަކީ ޓޫރިޒަމާއި ވިޔަފާރި އަދިވެސް އެހެން ބޭނުންތަކަށް ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ.