ބީއެމްއެލް އޭދަފުށި ބްރާންޗް، އިސްލާމިކް ބޭންކިންއަށް އިސްކަންދޭން ރީބްރޭންޑް ކޮށްފި

large_173754134513q0UA.png

ތިން ރަށެއްގެ ބީއެމްއެލް ބްރާންޗުތައް، އިސްލާމިކް ބޭންކިންއަށް އިސްކަންދޭން ވަނީ ރީބްރޭންޑްކޮށްފައި -- ފޮޓޯ/ ބީއެމްއެލް

އިސްލާމިކް ބޭންކިން އަށް އިސްކަންދޭން ކަމަށް ބުނެ، ބޭންކް އޮފް މޯލްޑިވްސް، އޭދަފުށީ ބްރާންޗް ރީބްރޭންޑް ކޮށްފި އެވެ. ބީއެމްއެލް އޭދަފުށި ބްރާންޗާއި އެކު ޖުމްލަ ތިން ރަށެއްގެ ބީއެމްއެލް ބްރާންޗުތައް ވެސް ވަނީ ރީބްރޭންޑް ކޮށްފައެވެ. އެއީ އޭދަފުށީގެ އިތުރުން މަހިބަދޫއާއި ގަން ބްރާންޗް އެވެ.

ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ހިދުމަތްތައް ދެމުން އަންނަތާ 10 އަހަރު ފުރުނު ދުވަހާ ގުޅުވައިގެން އެ ބޭންކް އިން މިއަދު ބުނީ، އެ ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އޭދަފުށި، މަހިބަދޫ އަދި ގަން ބްރާންޗްތައް މިހާރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ބްރާންޗް ތަކަކަށް ރީބްރޭންޑްކޮށް، އެ ބްރާންޗްތަކުން ޚިދުމަތް ދެމުން ދާނީ އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް އިސްކަންދެވިގެން ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް އިސްލާމިކްއަށް 10 އަހަރު ފުރުމަކީ ފަޚުރެއް ކަމަށެވެ.

“ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން ހުރިހާ ޚިދުމަތެއް ފޯރުކޮށްދެން. މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިން، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފުކުރި ބޭންކް،” އޭނާ ވިދާޅުވިއެވެ.

“އަދި ހަމައެހެންމެ މި ބޭންކަކީ ރާއްޖޭގައި ހަމައެކަނި ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ބޭންކުވެސްމެ.”

ޝަރީފް ވިދާޅުވީ ތިން ރަށުގެ ބްރާންޗްތަކަށް ގެނައި ބަދަލުން ދައްކުވައިދެނީ ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

ބީއެމްއެލްގެ ބޭންކިން ވިއުގައިގައި 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 150 އޭޓީއެމް އޭޖެންޓު ބޭންކިން ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top