އާސަންދަ އިން ޔޫއޭއީ އާއި ތައިލެންޑުން ދޭނެ ޚިދުމަތްތައް ހާމަކޮށްފި

large_1733826744122P8R.jpg

އާސަންދަ ޚިދުމަތް ރާއްޖެއިން ބޭރުގެ އިތުރު ތިން ހޮސްޕިޓަލަކުން ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުން: ޔޫއޭއީއާއި ތައިލެންޑަށް އާސަންދައިގެ ޚިދުމަތް މިއަދު ވަނީ ފުޅާކޮށްފައި -- ފޮޓޯ: އާސަންދަ

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ތައިލެންޑުން އާސަންދައިން ކަވަރުކޮށްދޭނެ ޚިދުމަތްތަކުގެ ތަފްސީލް ހާމަކޮށްފިއެވެ.

ޔޫއޭއީއިން އާސަންދައިގެ ދަށުން ފަރުވާ ލިބިގަނެވޭނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށެވެ. މިހާރު އާއްމުގޮތެއްގައި އިންޑިއާއިން އެ ފަރުވާ ލިބޭ ނަމަވެސް، ފަސްޓް ޑޯނާއެއް ނުލިބި ތިބި ޕޭޝަންޓުންނަށް އެ ގައުމަކުން ޓްރާންސްޕްލާންޓެއް ނުހެދެއެވެ. ނަމަވެސް ޔޫއޭއީން އާސަންދަ ހަމަޖައްސާފައިވާ ހޮސްޕިޓަލުން ވަކި މިންގަނޑުތަކަކަށް ބެލުމަށްފަހު، ފޯތު ޑިގްރީ ޑޯނާއާ ހަމައަށް ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ލިބެއެވެ.

ތައިލެންޑުން އާސަންދައިގެ ދަށުން ފަރުވާ ލިބިގަނެވޭނީ ގިނަ ދުވަހު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށެވެ.

މިހާރު އެ ދެ ގައުމުން ވެސް އާސަންދަ ހަމަޖައްސާފައި ވަނީ އެއް ހޮސްޕިޓަލުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ގިނަ ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖައްސައިދިނުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް އާސަންދައިން ބުންޏެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުްން، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވީ، އެހެނިހެން ގައުމުތަކަށް މިހާރު ވެސް އާސަންދައިގެ ދަށުން ޚިދުމަތް ދެވޭ ގޮތަށް ޕޯޓަލް މެދުވެރިކޮށް، ރެފަރަލް ނިޒާމެއްގެ ދަށުން، ޔޫއޭއީއާއި ތައިލެންޑަށް ފަރުވާ ހޯދުމަށް އާސަންދައިގައި އެދެވޭނެ ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ފަސްޓް ޑިގްރީ ޑޯނާ ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުހެދި ތިބި ވަރަށް ގިނަ އަދަދެއްގެ މީހުން މިހާރު ވެސް އެބަތިއްބެވެ.

“އަވައްޓެރި ބައެއް ގައުމުތަކުގެ އުސޫލުތައް ހުންނަ ގޮތުން ފަސްޓް ޑިގްރީ ޑޯނާއެއް ނޫން ކަމަށް ވެއްޖިއްޔާ އެ މީހާއަށް އޯގަން ޓްރާންސްޕްލާންޓް ކުރަން އުނދަގޫވޭ. ނަމަވެސް ޔޫއޭއީން އާސަންދަ ހަމަޖައްސާފައިވާ ހޮސްޕިޓަލްގެ އުސޫލުތަކާ ގަވާއިދުތައް ހުންނަ ގޮތުން ފަސްޓް ޑިގްރީ ޑޯނާއެއް ނުލިބިއްޖެ ހިނދެއްގައި އެހެން ލެވަލެއްގެ ޑޯނާއެއް ލިބުނަސް، އެމީހުން އެބަލާ މިންގަނޑުތަކަކަށް ބަލާފައި ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުސަތު އެމީހަކަށް އެބަ ފަހިވޭ،” ހީނާ ވިދާޅުވިއެވެ.

އެގޮތުން ބަލާ މިންގަނޑުތަކުގެ ތެރޭގައި އެ ޑޮނޭޓުކުރާ މީހާއަކީ މުސްލިމަކަށް ވެފައި އެއީ ދިވެއްސަކަށް ވުމުން ޓްރާންސްޕްލާންޓް ހެދޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.

އާސަންދައިގެން މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ، ގިނަ ދުވަސްވަންދެން ފަރުވާއަށް އެއްވެސް ކުރިމަގެއް ނުލިބި ތިބި ބަލިމީހުންނަށް އިތުރު ލަފައެއް ހޯދުމަށް ނުވަތަ އިތުރު ފަރުވާއެއް ފެއްޓުމަށް މިހާރު ވެސް އާސަންދައަށް ރިކުއެސްޓުތައް އަންނަ ކަމަށެވެ. އެހެންކަމުން ތައިލެންޑުން އާސަންދަ ހަމަޖައްސައިދިނުމުގައި އިސްކަން ދެއްވާނީ އެފަދަ ބޮޑެތި ބަލިތަކަށް، ގިނަ ދުވަސްވަންދެން ފަރުވާ ކުރަމުންދާ ބަލިމީހުންނަށް ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވާ މީހެއް ކަމަށްވާނަމަ އެ މީހަކަށް ފަހުން ބޭނުންވާ ފަރުވާ ހޯދުމަށް ވެސް އުސޫލުގެ ދަށުން ރިކުއެސްޓުކުރުމުން އެ ފަރުވާ ލިބޭނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވީ، މިވަގުތު ދެ ގައުމުގައި ވެސް އާސަންދަ ލިބޭނެ އެއް ހޮސްޕިޓަލް ހަމަޖައްސާފައިވީ ނަމަވެސް ވަރަށް އަވަހަށް ތައިލެންޑުން އިތުރު ހޮސްޕިޓަލަކުން އާސަންދަ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، މިހާރު އާސަންދަ ލިބޭ ގައުމުތަކަށްވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top