މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ތިންލަނޑުގެ ތަފާތަކުން މޮޅުވުން ނޫން އެހެން ގޮތެއްނެތް އޭދަފުށި، މިއަދު ހަވީރު ހއ. ދިއްދޫއާއި ބައްދަލުކޮށް މަރުގެ މެޗަކުން ސަލާމަތްވެއްޖެ އެވެ. ދިއްދޫއާއި ވާދަކޮށް އޭދަފުށި މޮޅުވީ 4-1ގެ ބޮޑު ތަފާތަކުުނެވެ. ހއ.ދިއްދޫ ބަލިކޮށް އޭދަފުށި ކުއާޓާ ފައިނަލަށް ހިނގައްޖެ އެވެ.
މި ނަތީޖާއާއެކު އޭދަފުށީގެ އިތުރުން ކ. މާފުއްޓަށްވެސް ކުއާޓާގެ ޖާގައެއް ޔަގީންވެފައިވާއިރު، ދިއްދޫ ވަނީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕުގައި ހިމެނޭ ތިން ޓީމަށްވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެއްވަނަ ލިބުނީ އޭދަފުއްޓަށެވެ. އަދި މާފުއްޓަށް ދެވަނަ ލިބުނުއިރު، ދިއްދޫ މިޖެހުނީ މުބާރާތުން ވަކިވާށެވެ.
ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އޭދަފުވަނިީ، މެޗުގެ 21 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ އަލީ ނަސީމެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި އޭދަފުށިން ލީޑު ފުޅާކޮށްފައިވަނީ ޖައުޝަން މުހައްމަދު ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ ފަހުކޮޅު އޭދަފުށީގެ މުހައްމަދު ފާސިރު ވަނީ ދެ ލަނޑު ޖަހައި، އެ ޓީމަށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ. މި މެޗުގައި ދިއްދޫން ލަނޑެއް ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ނުވަވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޒިމްޔާނެވެ.
މިއަދުގެ މެޗާ ބެހޭގޮތުން ކަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރި ގޮތުގައި މިއަދު ހަވީރު ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ނަން މަޝްހޫރު އޭދަފުށިން މިއަދު ނުކުތީ ހއ. ދިއްދޫއާ ދެކޮޅަށް މަރުގެ މެޗަކަށެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް އޭދަފުށްޓަށް މިއަދުގެ މެޗުން މޮޅުވުން ކޮންމެހެން މަޖުބޫރެވެ. އަދި މޮޅުވާއިރުވެސް މޮޅުވާން ޖެހެނީ ތިން ލަނޑުގެ ތަފާތަކުންނެވެ. އެހެން ނޫންނަމަ، މިއަދުގެ މެޗާއެކު އޭދަފުށްޓަށް މުބާރާތް ނިމުނީއެވެ.
މިހާ ބޮޑު ޕްރެޝަރަކަށް ވެއްޓުނީ ދެވަނަ ބުރުގައި އެ ޓީމުގެ ފުރަތަމަ މެޗުގައި މާފުށި އަތުން ބަލިވެފައިވަނިކޮށް، ދިއްދޫން މާފުށި ބަލިކުރުމުންނެވެ. މާފުށްޓާއި، ދިއްދޫ ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފައިވާއިރު އޭދަފުށްޓަކަށް ޕޮއިންޓެއް ނުލިބެއެވެ.