ރަށު ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ހިންގާ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން މާލީ އެހީ ދޭން ނިންމައިފި އެވެ.
މިއީ ދުންފަތް ކޮންޓްރޯލްކުރުމުގެ ގޮތުން މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް އެކަމަށް ހިތްވަރު ދިނުމަށް ނިންމާފައިވާ ނިންމުމެކެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ވީހާވެސް ރޭވުންތެރިކަމާއި އެކު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް 5 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވިދާޅުވި އެވެ. މި ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން، ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ވެސް ހޯދުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ރަށުފެންވަރުގައި އެންމެ ރަނަގަޅު މަސައްކަތަތަށް ކުރާ ކައުންސިލްތަކަށް އެދާއިރާގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޕްލޭންގައި ހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“އެ އިދާރާކައުން ހިންގާ ތަރައްޤީގެ މަޝްރުއޫތަކަށް ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ދުރު ރާސްތާ ޕްލޭން އެކުލެވިގެންދާއިރު އެ ނިޒާމް ސަރުކާރުން ފަހިކޮށްދޭވޭނެ” ނާޒިމް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް 5 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްފަށާފައިވާއިރު، ‘ދަފަރާ’ ގެ ނަމުގައި ދުންފަތާ ދެކޮޅު ޚާއްޞަ ކެމްއިނެއް އެޗްޕީއޭ އިން ވަނީ ފަށާފަ އެވެ. މި ކެމްޕެއިން މިހާތަނަށް ނ، ތ، ލ، އަދި ސ އަތޮޅުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.