ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ‘ޑަަބަލް ޕެންޝަން’ ލިބޭ އިދާރާތަކުން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް އެ އެލަވަންސް ދޭން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައިވަނީ އެކަން ސަރުކާރުގެ އިދާރާތަކަށް ސިޓީއަކުން އަންގައިފައެވެ.
ކުއްލި ގޮތަކަށް ނިންމުން ބަދަލުކޮށްފައިވާއިރު، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވަނީ އެ ނިންމުން ރައީސް ނިންމެވީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ.
އެހެންވެ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް އެ ކަން ހުށަހަޅައި މަޝްވަރާ ކުރެއްވުމަށްފަހު ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއަށް އަމަލުނުކުރަންވަނީ ނިންމީކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން އެކަން ހުއްޓަން އަންގައި ފިނޭންސުން ފޮނުވި ސިޓީގައި ވަނީ، އަންނަ ޖެނުއަރީން ފެށިގެން އަމަލުކުރަން ފަށާ އުސޫލެއްގެ ދަށުން، ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެ ކަމަށެވެ. ނަމަވެސް ރިޓަޔާ ކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދެމުންދާނެ ކަމަށް އެ ސިޓީގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ކުރިން ބުނީ އަސާސީ ޕެންޝަން ނިޒާމުގެ ބޭރުން ވަކިވަކި އިދާރާތަކާއި މުއައްސަސާތަކުން ހިންގާ ޕެންޝަން ސްކީމުގެ ދަށުން ގަނޑުކޮށް އަދި ހިދުމަތުގެ މުއްދަތަށް ބަލައިގެން މަހުން މަހަށް މުޅި އުމުރަށް ފައިސާ ދިނުމަކީ ޑަބަލް ޕެންޝަން ކަމަށެވެ.
ޑަބަލް ޕެންޝަން ނުލިބޭ ގޮތަށް ނިޒާމަަށް ބަދަލު ގެންނަން ކުރިންވެސް ސަރުކާރަށް ލަފާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުންޏެވެ.
ޑަބަލް ޕެންޝަންއަކީ ސަރުކާރުގެ ރިޓަޔާމެންޓް ޕެންޝަން ސްކީމްގެ އިތުރުން، ސަރުކާރުގެ ބައެއް އިދާރާތަކުން ހިންގާ ސްކީމްތަކާ ހެދި ބައެއް މީހުންނަށް ދައުލަތުގެ ޚަރަދުގައި ދެ ޕެންޝަނެއް ލިބުމެވެ.