އާބަން ސެންޓަރެއްގެ އާބާދީއަކީ މަދުވެގެން 10،000 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީއެސް އެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހައިދަރު ވިދާޅުވީ އާބަން ސެންޓަރެއްގެ އާބާދީ އެއަށްވުރެ އިތުރުނަމަ އިތުރު ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށެވެ.
“މި މައި ރަށުގައި މީހުން އާބާދުވެއްޖެނަމަ ހިދުމަތް ހޯދުމަށްޓަކައި ދަތުރުކުރާކަށް ނުޖެހޭނެ،” ހައިދަރު ވިދާޅުވި އެވެ.
އާބަން ސެންޓަރުގެ ގޮތުގައި ރާއްޖޭގެ އެކި ހިސާބުގައި ހަތް ރަށެއް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާއިރު އެހަތް ރަށުގެ ތެރޭގައި އޭދަފުށި ހިމެނެއެވެ.
އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރާ ރަށްތައް ކަނޑައެޅީ އެ ރަށްރަށަށް މިހާތަނަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ބެލުމަށްފަހު ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.
އެގޮތުން ސިއްހީ ހިދުމަތްތަކާއި ތައުލީމީ ހިދުމަތްތައް ހުރި މިންވަރު ބަލާފައިވާ ކަމަށާއި ރަށް ބޮޑުކުރެވޭނެ މިންވަރުވެސް ބަލާފައިވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އާބަން ޑިވެލޮޕްމަންޓް ޕްލޭނާއި ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތެވެ.