ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދީގެން ނޫނީ ކަންކަން އިސްލާހު ނުވާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ މިހާރުވެސް ތަންތަނަށް ބޭފުޅުން އައްޔަނު ކުރުމަށް ނަންތައް ފޮނުއްވަނީ ރައިސުލްޖުމްހޫރިއްޔާ ކަމަށެވެ. އެ ނަންތައް އައުމުން މަޖިލީހުން ނަގަން ބުނާ މީހަކު ނަގާ ގޮތަށެވެ. އެހެންވީމާ މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާމެދު އެމްޑީޕީގެ މެންބަރުން ކަންބޮޑުވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
މީގެއިތުރުން ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން މިހާރު އޮތް މިނިވަން މުއައްސަސާތަަކަށް އިސްލާހު ކުރެވުނީ ކޮން ކަމެއްތޯ ސަލީމް ސުވާލު އުފެއްދެވި އެވެ.
”އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭތާ އިތުރު ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ދީގެން ނަމަވެސް މިގައުމުގަ ހިނގާ ކޮރަޕްޝަނާއި ފަސާދައާ ކަންކަން ހުއްޓުވުމަށްޓަކައި ބޭނުންކުރެވެން ހުރި ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އެބަޖެހޭ ބޭނުންފުޅު ކުރައްވަން.“ ސަލީމް ވިދާޅުވި އެވެ.
ބާރުގެ ބޭނުންކޮށްގެން ގައުމުގައި ހިނގާ ކަންކަން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްކަން ފާހަގަކޮށް ސަލީމް ވިދާޅުވަނީ ރައީސަށް ބާރުތައް ނުދީ ކަންކަން އިސްލާހު ނުވާނެކަން ފާއިތުވި ތަނުގައި ކަން ވެފައިވާ ގޮތުން އެނގޭކަމަށާއި އެއްވެސް މިނިވަން މުއައްސަސާއެއް ރަނގަޅަށް ނުހިނގާކަމަށެވެ.