ބ. ދޮންފަނާއި ކެންދޫގައި މިއަދު ރަސްމީކޮށް ރަސްމީކޮށް ޕޮލިސް ޕޯސްޓު ހުޅުވައިފިއއެވެ.
މި ދެރަށުގައި ޕޮލިސް ޕޯސްޓު މިއަދު ހުޅުވުމާއެކު އެދެރަށުގައި ވަނީ ފުލުހުން ގާއިމުވެތިބެ ޚިދުމަތް ދޭން ފަށައިފައެވެ.
ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް އަހުމަދު އިރުޝާދު އެވެ.
ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް އަހުމަދު އިރުޝާދުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި، ދޮންފަނު ރައްޔިތުންގެ ހަޔާތުގައި މިއަދަކީ ވަރަށް ތާރީޚީ އަދި އެހާމެ އުފާވެރި ދުވަހެއް ކަމަށް ވިދާޅުވިއެވެ. އަދި މިއަދު މި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓާއެކު، ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ވެސް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
ޚާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީ އާއެކު ސައިބާ ސްޕޭސްގައި ފެތުރެމުންދާ ކުށްތަކާއި ސްކޭމް މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ގާއިމުވެގެން ދިއުމާއެކު ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން، ކުށް ވިޔަ ނުދިނުމަށް މަސައްކަތްކުރުމާއި އެފަދަ ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް އިބްރާހީމް ޢަބްދުއްރަަޙްމާންއެވެ.
ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ކެންދުއަކީ ކުށްމަދު އަމާން މުޖުތަމައެއް އޮންނަ އިޖުތިމާއީ ގުޅުން ބަދަހި ރަށެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ގައުމަކަށް މި ގައުމު ވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.
ހަމަ އެހެންމެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުވުން މުހިންމުވަނީ، މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި، އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް، ގާނޫނު ތަންފީޒުކުރުމުގެ އިތުރުން ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި، އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.
ދޮންފަނާއި ކެންދޫގައި ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ބ. އަތޮޅު ކައުންސިލު ރައީސް އަހުމަދު އަފްރާހު އަދި މި ދެރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ޕޮލިސް ޕޯސްޓުތައް ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.