މާދަމާއިން ފެށިގެން ސިޔާސީ ޕާޓިތަކުގެ ދަފުތަރުން ވަކިވާން އޮންލައިންކޮށް ހުށަހަޅަން ޖެހޭ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ގަވާއިދު ބަދަލުކޮށްފިއެވެ.
އެ ގަވާއިދު ގައިވާ ގޮތުން ޕާޓީއެއްގެ މެންބަރަކު އެ ޕާޓީއަކުން ވަކިވާން އެދިއްޖެ ނަމަ، ލަސްވެގެން 14 ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭން ޖެހޭނެ އެވެ.
ޕާޓީއެއްގެ މެންބަރަކު ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓްރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާން އެދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން ވެސް، ޕާޓީގެ ދަފުތަރުން ވަގުތުން އުނިކޮށްދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގައި މިހާރު 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ، ޕީއެންސީ، ޕީޕީއެމް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އެމްޓީޑީ، ޕީއެންއެފް، އެމްއެންޕީ، ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓެވެ.