އިސްކަންދޭންވީ މައިންބަފައިންނަށް އުފާވެރިކަން ގެނެސްދޭން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
”އެންމެ މަންފާ ހުރި މީހާ“ގެ މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ އެންމެ ހެޔޮ އަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ބަޔާން ކޮށްދެއްވާފައި ވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުމާއި އެ މީހުންގެ ހިތްތައް ބާއްޖަވެރިކުރުމުގެ އިތުރަށް އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުން ކަމަށެވެ.
”މިކަމުގައި އެންމެ އިސްކަން ދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށެވެ. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށެވެ“ ޚުތުބާގައި ބުންޏެވެ.
ހެޔޮ އަމަލުތަކުގެ ތެރެއިން ދެވަނަ ކަމަކީ މުސްލިމް އަޚަކަށް ކުރިމަތިވާ މުސީބާތަކުން އޭނާ ސަލާމަތް ކޮށްދިނުމެވެ. މިއަދުގެ ހުތުބާގައި ބުނެފައިވަނީ ދުނިޔެ އާއި އާހިރަތުގައި ކުރިމަތިވެދާނެ ބޮޑެތި މުސީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުސީބާތްތަކުން އެމީހުން ނަޖާކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހީއަށް އެދި އަތްދިއްކުރާ މީހުންނަށް ހަމްދަރުދީ ވާން ޖެހޭ ކަމަށެވެ. އެމީހުންގެ ކަރުނަތައް ފުހެލައިދޭން ޖެހޭ ކަމަށެވެ.
ޚުތުބާގައި ތިންވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުމެވެ. އަދި ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުން ކަމަށްވާއިރު ދިވެހީންނަކީ މި ކަމުގައި ވަރަށް ނަމޫނާ ބައެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
އަަދި ފަސް ވަނަ ކަމަކީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތް ކުރުން ކަމަށްވާއިރު، އެއީ ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތްކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
މީސްތަކުންނަށް ހެޔޮލަފާ މަންފާހުރި މީހަކަށް ތިބާ ވެއްޖެނަމަ މާތްﷲ އެމީހަކަށްޓަކައި ރިޒުޤުގެ ޚަޒާނާ ހުޅުއްވައިދެއްވާނެ ކަމަށާއި އަބަދުވެސް އެހެން މީހުންނަށް ބޭނުންތެރި މީހަކަށް ވުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.