މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ ޚިދުމަތް ފެށޭނެ ކަަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވާ އިރު މިދިޔަ ހަފްތާގައިވަނީ ރާއްޖެތެރޭގައި އަލަށް އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ގއ.ވިލިނގިލިން ދޭން ފަށާފައެވެ.
ރާއްޖޭގައި އައިޑީކާޑު ހެދުމަށް އެންމެ ކުރިން ޖެހޭނީ މާލެ އައިސް ކާޑު ހައްދައިގެން ކާޑު ނަގަންވެސް ޖެހޭނީ މާލެއިންނެވެ. ނަމަވެސް 2022 ވަނަ އަހަރު ތައާރަފްކުރި ޕޯޓަލް މެދުވެރިކޮށް އައިޑީކާޑު ހެދުމަށް އޮންލައިންކޮށް އެދުމުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ރަށުގައި ތިބެގެންވެސް ކާޑު އަތަށް ލިބެއެވެ. އެހެންނަމަވެސް އޭރުވެސް އައިޑީކާޑު ޕްރިންޓުކޮށް ޕޯސްޓު މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކުން އެރަށެއްގެ ކައުންސިލަށް ފޮނުވަން ޖެހެއެވެ.
ވަަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިޑީ ކާޑާއި ޕާސްޕޯޓް ހެދުން ފަދަ، މާލޭގައި ދެމުންދާ ބައެއް ހިދުމަތްތައް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު ގެންދަވަނީ ފުއްދަވަމުން ކަމަށެވެ.
އަދި ވިލިނގިލީގައި އެ ހިދުމަތް ފެށުމަކީ އޭގެ ހެެކި ކަަމަށް ވިދާޅުވިއެވެ.
“މަރުކަޒު ކުރެވިފައިވާ މިފަދަ ހިދުމަތްތައް ކައުންސިލްތަކުން ހިންގޭނެ ނިޒާމެއް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ޒައާމަތުގައި ކައުންސިލްތައް ބާރުވެރި ކުރެވޭނެ ކަމުގެ ހެއްކެއް،”. ވަޒީރު ވިދާޅުވިއެވެ.