ޕާކިސްތާނުން އޭދަފުއްޓަށް 24 ފުޓްބޯޅަ ހަދިޔާ ކޮށްފި އެވެ.
މިރަސްމިއްޔާތު އޮތީ ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަންގެ އޮފީހުގައެވެ.
ޕާކިސްތާން އެމްބަސީގެ ފަރާތުން އޭދަފުށީ ކައުންސިލަށް މިތަކެތި ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީއެވެ. އޭދަފުށީ ކައުންސިލުގެ ފަރާތުން ފުޓްބޯޅަތަކާ ހަވާލުވެލައްވާފައިވަނީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު އެވެ.
މި ފަދަ އެހީތެރިކަމެއް އޭދަފުއްޓަށް ވެދެއްވީތީވެ ރައީސް ފާތިހުވަނީ ޕާކިސްތާނުގެ ހައި ކޮމިޝަނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ. މިކަމުގެ ސަބަބުން ރަށުގެ ކުޅިވަރު ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ފާތިހު ވިދާޅުވިއެވެ.