ދިވެހިން އާންމުކޮށް އޮންލައިންކޮށް ވިޔަފާރިކުރާ ”ޝެއިން“ އާއި ”އަލިއެކްސްޕްރެސް“ ފަދަ ވިޔަފާރިއަކުންންނާއި ނެޓްފްލިކްސް ފަދަ ސްޓީރިމިން ޚިދުމަތްތަކުންވެސް ޖީއެސްޓީ ނެގޭ ގޮތަށް އަންނަ އަހަރުގެ ވަކި ހިސާބަކުން ޖީއެސްޓީ ނިޒާމު ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް ބަދަލުކުރުމުން މި ޚިދުމަތްތައް ބޭނުންކުރާނަމަ ރާއްޖޭގައި މުދަލާއި ޚިދުމަތުން ނަގާ އަށް ޕަސެންޓު ޖީއެސްޓީ ދައްކަން ޖެހޭނެ އެވެ.
މީގެ އިތުރުން ގެސްޓުހައުސްތަކާއި ހޮޓާތަކާއި ރިސޯޓުތައް ބުކް ކުރަން ބޭނުންކުރާ ”ބުކިން“ އާއި ”އަގޯޑާ“ފަދަ ސައިޓުތަކުން ޓީޖީއެސްޓީ ކަނޑައެޅިފައި އޮންނަ 16 ޕަސެންޓު ރޭޓުގައި ޓެކްސް ދައްކަން ޖެހޭނެ އެވެ.
އަލީއެކްސްޕްރެސް އާއި ޝީން ފަދަ އޮންލައިން ޕްލެޓް ފޯމް ތަކުން އަމިއްލަ ބޭނުމަށާއި ވިޔަފާރިއަށް ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެކި ބާވަތުގެ ތަކެތި ގަނެހަދައެވެ. ނަމަވެސް ބީއެމްއެލްގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ޑޮލަރުން މުއާމަލާތު ކުރުމަށް ދީފައިވާ ލިމިޓްތަކަށް މިއަދު ގެނައި ބަދަލާއެކު އެފަދަ ވެބްސައިޓްތަކުން ދެން ވިޔަފާރި ކުރެވޭނީ ޑޮލަރު އެކައުންޓުންނެވެ.