ބޭރު ފައިސާގެ އާމްދަނީ އިތުރު ކުރަން އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގެ ބަޔާނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގު ވިދާޅުވީ 2025 ވަނަ އަހަރު ދަރަނީގެ ގޮތުގައި 500 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށާއި އަދި އެއްފަހަރާ 100 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. 2026 ވަނަ އަހަރު އެއްފަހަރާ 500 މިލިއަންޑޮލަރު ދައްކަންޖެހޭއިރު އެއަހަރު ޖުމްލަ 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ޑރ.ޝަފީގު ވިދާޅުވީ ދަރަނި ދެއްކުމަށްޓަކައި އާމްދަނީ އިތުރުކުރަން ޖެހޭއިރު އެކަން ކުރުމުގައި ސަރުކާރުގެ ވިސްނުންހުރީ ޓެކްސްތަކުން ރައްޔިތުންނަށް ބުރަ ނުވާނޭ ގޮތަށް އާމްދަނީ ހޯދުމުގެ މަސައްކަތް ރޭވުން ކަމަށެވެ. އެގޮތުން ޖީއެސްޓީއާއި ޓީޖީއެސްޓީ، ބީޕީޓީ އަދި ވިތުހޯލްޑިން ޓެކްސް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ގެ ވާހަކަފުޅުގައި އާމްދަނީ އިތުރުކުރުމަށް އެންމެ ބޮޑަށް ފޯކަސް ކޮށްފައިވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ޑޮލަރުގެ އަދަދު އިތުރު ކުރުން ކަމަށް ވިދާޅުވިއެވެ.
މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވަނީ އިގްތިސާދަށް ތަފާތު ހަރަކާތްތައް އިތުރު ކުރުމާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި އެއާޕޯޓުން ނަގާ ފީތައް މުރާޖައާ ކުރުމާއި، ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ޖީއެސްޓީގެ އިދާރީ ގާނޫނު މުރާޖައާކޮށް ޓެކްސް ބޭސް ފުޅާކުރުމާއި އަދި ގްރީން ޓެކްސްގެ ރޭޓްތައް މުރާޖައާ ކުރުމެވެ.