ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅައިލުމަށް އެމްޓީސީސީން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުގެ ތެރެއިން ނ. އަތޮޅުގައި ފެރީގެ ޚިދުމަތް މިއަދު އިފުތިތާހުކޮށްފިއެވެ.
މި ޚިދުމަތް އިފުތިތާހު ކޮށްދެއްވީ ނ. މަނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. މިނިސްޓަރު އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު، ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ، މިފަދަ ޚިދުމަތެއް ދޭއިރު އެ ކުންފުނިން އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ކަމަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އެގޮތުން އެ ކުންފުންޏަކީ އަބަދުވެސް މޫސުމީ އިދާރާތަކުން ދެއްވާ ލަފައާ އިރުޝާދަށް ބަލައިގެން ދަތުކުރާ ބައެއް ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ހަމައެއާއެކު ފަސިންޖަރުންނަށް އަރާމުގައި ހިތްފަސޭހަ ދަތުރުތަކެއް ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިޔުމަކީ ވެސް އެ ކުންފުނީގެ އެންމެ ބޮޑު ބޭނުން ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ފަސިންޖަރުން އުފުލުމަށް މި ފެރީގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުފަހަރަކީ 30 ނޯޓިކަލް މޭލުގެ ބާރުމިނަށް ދުއްވޭ، 50 މީހުންގެ ޖާގައިގެ ބޮޑެތި ލޯންޗް ފެރީތަކެކެވެ. އޭގެތެރޭގައި ފުރޮޅުލީ ގޮނޑިއަށް ޚާއްސަކުރެވިފައިވާ ދެ ޖާގަހިމެނެއެވެ.
މި ފެރީގައި ހުންނަ ފާޚަނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ ފަރާތްތަކުގެ އިތުރުން މާބަނޑު އަންހެނުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެހެން، “ޔުނިވާސަލް އެކްސެސިބިލިޓީ”ގެ ފީޗާތައް ހިމެނޭ ފާޚަނާއެކެވެ.
އާރްޓީއެލްގެ ޚިދުމަތް ދޭން ރާވާފައި އޮތީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. ނ. ގައި މި ޚިދުމަތް ދޭން ފެށުމާއެކު ދެން ފެރީގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ އަންނަ އޮގަސްޓު މަހު ރ. އަތޮޅުގައެވެ.
ބ. އަތޮޅުގައި އާރްޓީއެލް ގެ ޚިދުމަތް ދޭން ފަށާނީ ސެޕްޓެމްބަރު މަހުގައެވެ.