ބ. އަތޮޅާއި ހަމައަށް ސޯލާ ނިޒާމް، ސެޕްޓެމްބަރުގައި

l_1721560670211G9c.jpg

އިޔާދަކުރުވަނިވި ހަކަތައިގެ "ޕޮއިސްޑް" ޕްރޮޖެކްޓްގެ ދަށުން ފެނަކައިން ރާޢްޖޭގެ ބައެއް ރަށްރަށުގައި ސޯލާ ހަރުކޮށްފައި --- ފޮޓޯ/ ފެނަކަ

އަންނަ ސެޕްޓެމްބަރު މަހު ބ.އަތޮޅު ރަށްރަށުގައި އިޔާދަކުރުވަނިވި ހަކަތައިގެ “ޕޮއިސްޑް” ޕްރޮޖެކްޓްގެ ދަށުން ސޯލާޕެނަލް ހަރުކުރަން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅުގައި 2.74 މެގަ ވޮޓްގެ ސޯލާ ޕީވީ ހަރުކުރާއިރު ރ. އަތޮޅުގައިވެސް 3.599 މެގަ ވޮޓްގެ ސޯލާ ހަރުކުރަން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ފެނަކައިގެ ހުރިހާ އިންޖީނުގެއެއްގައި ވެސް ސޯލާ ހަރުކުރުމަށް ރާވާފައި ވާއިރު އެއީ ޖުމުލަ ފަސް މެގަ ވޮޓް ކަމަށް ފެނަކައިން ބުންޏެވެ.

މި ޕްރޮޖެކްޓްގެ ދަށުން ފެނަކައިން ޚިދުމަތްދޭ އެންމެ ބޮޑު ހަ ސަރަހައްދުގައި ވެސް ސޯލާ ހަރުކުރުމަށް ވަނީ ނިންމާފައެވެ.  އޭދަފުށީގެ އިތުރުން އެއީ އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލަކު ސިޓީ، ޅ. ހިންނަވަރު އަދި ބ.ކުޅުދުއްފުށި ސިޓީއެވެ. މިރަށްރަށުގައި ޖުމްލަ 11 މެގަ ވޮޓްގެ ސޯލާ ހަރުކުރުމަށްވަނީ ނިންމައިފައެވެ.

ފެނަކައިން ބުނީ، “ޕޮއިސްޑް” ޕްރޮޖެކްޓްގެ ދަށުން ތ. އަތޮޅުގައި ސޯލާ ހަރުކޮށް ގިނަ ރަށްރަށުގައި ޕްރީ-ކޮމިޝަންކޮށް، ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އެއަތޮޅުގެ ބާކީހުރި ރަށްރަށް ވެސް މި މަސް ނިމުމުގެ ކުރިން ކޮމިޝަން ކުރާނެ ކަމަށް ފެނަކައިން ހާމަ ކުރެއެވެ.

ތ. އަތޮޅުގައި ޖުމުލަ 2.49 މެގަ ވޮޓްގެ ސޯލާ ހަރުކުރާއިރު 1.9 މެގަ ވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ހަރުކުރަން ވަނީ ނިންމާފައެވެ.

ޕޮއިސްޑް ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން، ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދާ މުހިންމު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު އަމާޒަކީ ސޯލާ-ޑީސަލް ހައިބްރިޑް ކަރަންޓު އުފައްދާ ނިޒާމުތައް ތައާރަފުކޮށް ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ބަރޯސާވާ މިންވަރު މަދުކުރުން ކަމުގައި ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮޖެކްޓަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top