މި ހިނގާ 2024ވަނަ އަހަރުގެ ޓާމް ބަންދުތަކުގައި މުދައްރިސުން ސްކޫލަށް ނެރެގެން މަސައްކަތް ކުރުވުން އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފިއެވެ.
ސަރުކާރުގެ ހުރިހާ ސްކޫލުތަކަކަށާއި، އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓްތައް އަދި ޑިވިޝަންތަކާއި ސެކްޝަންތަކަށް މިއަދު ފޮނުވި އިންޓާނަލް މެމޯއަކުން މިކަން ވަނީ އަންގަވާފައެވެ.
ސްކޫލު ބަންދުގައި ވެސް މުދައްރިސުން މަސައްކަތް ކުރަންޖެހުމާއި ނުރަސްމީ ވަގުތުތަކުގައި މުދައްރިސުން މަސައްކަތްކުރުމަކީ ތައުލީމީ ދާއިރާގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.
މިއީ މުދައްރިސުންގެ ވަރަށް ބޮޑު ޝަކުވާއެއް ވެސް މެއެވެ.
ޓާމު ޗުއްޓީ ތެރޭގައި ޓީޗަރުން ސްކޫލަށް ނެރުން މަނާކުރި އިރު، ދިރާސީ އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއާ ގުޅުން ހުރި ވަރަށް މުހިންމު ނިންމުންތަކެއް ނިމިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޓީޗަރުން ސްކޫލުގައި ހޭދަކުރާ ވަގުތު މަދުކޮށް އާއިލާއެކު ހޭދަކުރާ ވަގުތު އިތުރުވާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މި އަހަރު ފުރަތަމަ ޓާމް ބަންދުވާނީ 26 ސެޕްޓެމްބަރުގައެވެ. ދެވަނަ ޓާމުގެ ބަންދު ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހުއެވެ.