އޯ ލެވެލް އިމްތިހާނުން ތިން މާއްދާއިން ފާސްވިޔަސް ސަރުކާރުގެ ސްކޫލްތަކުގައި އޭ ލެވެލަށް ކިޔެވުމުގެ ފުރުސަތު ލިބޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
މިހާރު އޮންނަ ގޮތުން މަތީ ސާނަވީ އަށް ކިޔަވަން ސަރުކާރުގެ ސްކޫލްތަކުން ފުރުސަތު ދެވެނީ ޖުމްލަ ފަސް މާއްދާއިން ފާސްވުމުންނެވެ. އެއީ މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމް, ދިވެހި, އިނގިރޭސި އަދި ހިސާބުގެ އިތުރުން, ސްޓްރީމްގެ އެއް މާއްދާއިންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވާ ގޮތުން އޭލެވެލަށް ކިޔެވުމަށް ފުރުސަތު ދިނުމުގައި ބަލާނީ އޭގެ ކުރީގެ ދެ އަހަރުގެ އެސްއެސްސީ، އޯލެވެލް އަދި ބީޓެކް އިމްތިހާނުގެ ނަތީޖާއަށެވެ. އަދި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.
ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ގްރޭޑް 11 އަށް ވަނުމަށް ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތް ނަމަ، އެ ސްކޫލުގައި ޖާގަ އޮތް އަދަދަށް ބަލައި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށް ފުރުސަތު ދިނުމަށެވެ.
އެންމެ ފަހުން ބޭއްވި އޭ ލެވެލް އިންތިހާނުގައި ބައިވެރިވެފައި ވަނީ 3،268 ދަރިވަރުންނެވެ. އެއީ މާލޭގެ ތިން ސެންޓަރަކާއި އަތޮޅު ތެރޭގެ 42 ސެންޓަރު ހިމެނޭ ގޮތަށް ޖުމްލަ 45 ސެންޓަރަކުންނެވެ.