ބ. ކެންދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް މިއަހަރު ލިބޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ މިކަމާބެހޭ ގޮތުން ސުވާލު ކުރައްވާފައެވެ.
މިނިސްޓަރު އަރިހު މައުރޫފު އެއްސެވީ، ސަރުކާރުން އެމްޑަބްލިއުއެސްސީ މެދުވެރިކޮށް ފަށައި ނިމުމަކާއި ހަމައަށް ގޮސްފައިވާ، ބ. ކެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ހުއްޓިފައިވާއިރު، ބާރަށް ކުރިއަށްގޮސް ޚިދުމަތް ލިބުމަށް ރައްޔިތުން އެދޭއިރު ޕްރޮޖެކްޓް ނިންމައި ޚިދުމަތް ދެވޭނެ ތާރީޚަކީ ކޮބައިތޯ އެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެއީ 720 ދުވަސްތެރޭގައި ނިންމަން 44.8 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަަމަށާއި އެ މަޝްރޫއު ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ކަމަށެވެ.
މި ސަރުކާރުން ހަވާލުވިއިރު، އެ މަޝްރޫއުގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި ކަމަށާއި 2022 ވަނަ އަހަރު ނިންމަން އޮތްނަމަވެސް ނިމިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް އެ މަސައްކަތް މިހާރު ފެށި މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެއްވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.