ކޮންމެ ރަށަކަށް ވެސް މިހާރު ފޯކަލް ޕޮއިންޓެއް ހުންނާނެ ކަމަށް ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިކަން މިގޮތަށް ހަމަޖެއްސީ އެ ސަރަހައްދެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހޯދުން ފަސޭހަ ކުރުމަށެވެ.
އޭނަ ވިދާޅުވީ ކައުންސިލްތަކާއި މިިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކާ އޮންނަ ގުޅުން މީގެ ސަބަބުން ރަނގަޅުވެ، ހަރުދަނާ ވެސް ވެގެން ދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ހިންގާ މަޝްރުޢޫތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އޮޅުން ފިލުވުމުގައި ކައުންސިލްތަކަށް ދަތިތަކެއް ހުރި ކަމަށެވެ. އެގޮތުން ކަންކަމުގައި ގުޅަން ޖެހޭ ފަރާތްތަކާ ބައްދަލުކުރަން ޖެހޭ އިދާރާތަކާ މީހުން ނޭނގުމަކީ ކައުންސިލަތަކަށް އޮތް ތަކުލީފެއް ކަމަށް ވިދާޅުވި އެވެ.
އަދި މީގެ ސަބަބުން ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ކައުންސިލަރުންނަށް އުނދަގޫތައް ކުރިމަތިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
“ރައީސް އޮފީހުގެ އެހީތެރިކަމާ އެކު މިހާރު ވަނީ ހުރިހާ ވުޒާރާތައް އަދި ކުންފުނިތަކުގައި ކައުންސިލްތަކާ މުއާމަލާތް ކުރެވޭނެ ފޯކަލް ޕޮއިންޓުން ހަމަޖައްސާފައި،” އާދަމް ޝަރީފު ވިދާޅުވި އެވެ.
ނަތީޖައަކަށް ވާނީ ރަށްރަށުގައި ހިންގާ މަސައްކަތްތަކުގެ އަޕްޑޭޓް، މަސައްކަތްތައް ފެށޭނެ ދުވަސްތަކާއި ހިނގާ ނުހިނގާ ގޮތުގެ މަޢުލޫމާތު ހޯދަން ކައުންސިލަރުންނަށް ފަސޭހަވުންކަމަށް1މިނިސްތަރުވިދާޅުވިއެވެ.
މިނިސްޓަރު މިމޭރުމުން ވާހަކަދައްކަވާފައިވާއިރު ވެރިކަން ލިބުމާއެކު ރަށްރަށުގައި ފެށުމަށް ނިންމާފައިވާ މަޝްރޫއުތައް ނުފަށައިގެން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.