
އޭދަފުށީ ފިހާރައަކުން މިއަދު މީހަކު ސައިކަލަށް ޕެޓްރޯލް އަޅަނީ. ޕެޓްރޯލްގެ އަގު އޭދަފުށީގައި ވަނީ ބޮޑޫވެފައި / އީވީ ފޮޓޯ: ފާރިހް އަހްމަދު
ބ. އަތޮޅުގައި އެންމެ އާބާދީ ބޮޑު އެއްރަށް ކަމުގައިވާ އޭދަފުށިން ޕެޓްރޯލް ލިބުން ވަރަށް ބޮޑަށް ދަތިވެ ޕެޓްރޯލްގެ އަގު ބޮޑުވެއްޖެއެވެ.
އޭދަފުށީގައި ޕެޓްރޯލް ވިއްކާ ގިނަ ފިހާރަތަކުން ބުނީ ޕެޓްރޯލް ހުސްވެފައިވާ ކަމަށެވެ. ކުރިން އޭދަފުށިން 20 ރުފިޔާއަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލިޓަރެއް ފަސްމުގޫ ފިހާރައިން މިއަދު ވިއްކަމުން ދަނީ 25 ރުފިޔާއަށެވެ. އަދި މިއަދު މިއަގު އިތުރަށް މައްޗަށް ހިނގައިދާނެކަމަށްވެސް ބައެއް ފިހާރަތަކުން ބުނެއެވެ.
” ނޭނގޭ ލިބޭނެ ދުވަހެއް، މިހާރު ޕެޓްރޯލް ހުރީ ހުސްވެފައި ” އޭދަފުށީގައި ގިނަ ބަޔަކު ޕެޓްރޯލް އަޅަމުން އަންނަ ވައިޓް ވޯލް ފިހާރައިގެ ސޭޓް ރާމިޒް އާއި އީވީ އިން ސުވާލު ކުރުމުން ބުންޏެވެ.
އޭދަފުށިން ޕެޓްރޯލް ލިބުން ދަތިވެ އަގު ބޮޑުވެފައިވާއިރު، މިދިޔަ އަހަރު ފަހުކޮޅުވެސް މިރަށުގައި މިމައްސަލަ ވަރަށްބޮޑަށް ދިމާވިއެވެ. ބައެއް ވިޔަފާރިވެރިން ބުނާގޮތުން ޕެޓްރޯލް ލިބުން ދަތިވަނީ އެސްޓީއޯއިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކުރުމާ ގުޅިގެންނެވެ.