ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ އީދު ފާހަގަކުރުން ހުއްދަ ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމް ދީނަކީ މާތް ﷲ ދިވެހިންނަށް ދަރުމަ ކުރެއްވި އެންމެ މަތިވެރި ނިއުމަތް ކަމަށާއި އިސްލާމީ ހިދާޔަތުގެ މަގަށް ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މި ރާއްޖޭގެ ސަގާފަތަކީ އިސްލާމީ ސަގާފަތް ކަމަށެވެ. އަދި ސަގާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ. މިނިިސްޓަރު ޝަހީމް ވިދާޅުވީ އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ ކަމަށެވެ.
”ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ އީދު ފާހަގަކުރުން ޝަރުއީ ގޮތުން ހުއްދައެއް ނުވާނެ. އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަގާފަތާއެއްގޮތައް. ދިވެހިންގެ ސަގާފަތެއްކަމުގައި ބެލެވޭނީ އިސްލާމީ އުސޫލުތަކާ އެއްގޮތް ކަންކަން. އެނޫން ކަންކަމަކީ ޚުރާފީ ބާތިލު ކަންކަން.“ޑރ. ޝަހީމް ވިދާޅުވެފައި ވެއެވެ.
އިސްލާމީ އަޚުލާގާއި ސަގާފަތާ ތައާރަޒު ނުވާގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމަށް ވަޒީރު ޑރ. ޝަހީމް ވަނީ ކުރިން ވެސް އިލްތިމާސް ކުރައްވާފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ އީދުގައި އޮންނަންޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި ކަމަށާއި އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުއާކޮށް އެކަމުގައި ސާބިތުވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.