މާދަމާއިން ފެށިގެން މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.
އެ އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު ކެރީގެ އަސަރު ކުރާނެ އެވެ. އަދި މާދަމާ އާއި ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށް ބުންޏެވެ.
ދެކުނުގެ އަތޮޅުތަކަށް އެ ދުވަސްތަކުގައި ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 -18 މޭލު ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 35-40 މޭލަށް ވައިގަދަވުމާއެކު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާ ކުރެވެނީ 3-7 ފޫޓާއި ދެމެދުގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
މާދަމާ އިން ފެށިގެން މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ އީދު ބަންދަށް ރާއްޖޭގެ އެކި ރަށްރަށަށް މާލެ އިން ދަތުރުކޮށްފަ އެވެ. އެހެންކަމުން އެދުވަސްވަރަކީ ގިނަ ބަޔަކު ދަތުރު ކުރާނެ ދުވަސްތަކެއް ކަމަށް ބެލެވެ އެވެ.