ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރު ރާއްޖެ އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިރޭ ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން ގަޑިއަކު 15 މޭލާއި 25 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކުރެވޭއިރު، ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.
ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަދަޔަވާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިިކަމުގެ ފިޔަވަޅު އެޅުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.