މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެޔޮ ލިބުމަށް ދިމާވެދާނެ ދަތިތަކުން ރައްކާތެރިވުމުގެ ގޮތުން ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހަކީ ސްރީލަންކާގެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެގައުމުން ކަނޑައަޅައިފިއެވެ.
ހޯމަ ދުވަހު ސްރީލަންކާގެ ސަރުކާރުގެ އިސްވެރިންނާއެކު ރައީސް ސަނާޔަކެ އަނޫރާ ކުމާރާ ބޭއްވި ކުއްލި ބައްދަލުވުމުގައި ވިދާޅުވީ ސްރީލަންކާ ހުންނަން ޖެހޭނީ ދިމާވެދާނެ އެންމެ ނުބައި ހާލަތަށްވެސް ތައްޔާރުވެގެން ކަމަށެވެ.
އެގޮތުން، އޮފީސްތަކާއި އެހެނިހެން ތަންތަނަށް ކުރަންޖެހޭ ދަތުރުފަތުރު މަދުކުރުމުގެ ގޮތުން ބުދަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައު ހަމަޖައްސައި، ރަސްމީ މަސައްކަތުގެ ދުވަސް 4 ދުވަހަށް ވަނީ މަދުކޮށްފައެވެ.
މި ނިންމުމާ ގުޅޭގޮތުން ސްރީ ލަންކާގެ ކޮމިޝަނަ ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް، ޕްރަބާތު ޗަންދުރަކީރްތީ ވިދާޅުވީ، މި ބަދަލާއެކު ދައުލަތުގެ މުއައްސަސާތައް ދެން ހުޅުވާނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށެވެ. އަދި މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް ކަނޑައަޅަންދެން މި އުސޫލަށް އަމަލުކުރަމުންދާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
މި ނިންމުމުގެ ދަށުން ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކުގެ އިތުރުން ޔުނިވަރސިޓީތަކާއި ކޯޓުތައް ވެސް ބަންދުވާނެއެވެ. މީގެއިތުރުން، އެގައުމުގެ ސަރުކާރުން ބާއްވަން ރޭވިފައިވާ އިވެންޓުތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ. ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން، އަމިއްލަ ކުންފުނިތަކުން ވެސް މި އުސޫލަށް ތަބާވުމަށް ލަންކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އީރާނުން ވަނީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން އޭޝިއާގެ ގިނަ ގައުމުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
ސްރީލަންކާއިން ވަނީ ސަރުކާރު ހުޅުވިފައި ހުންނަ ދުވަސްތަކުގެ އިތުރުން، ތެޔޯ ކޯޓާއެއްވެސް ތައާރަފު ކޮށްފައެވެ. އެގޮތުން، އިންޖީނުލީ ސައިކަލުތަކުގައި ތެޔޮ ފާހެއް ހުންނަން ވާނެއެވެ.







