ޕޯޗުގަލްގެ ގައުމީ ޓީމުގެ ކެޕްޓަން ކްރިޓިއާނޯ ރޮނާލްޑޯ، ރޭގައި އެޓީމަށް ކޮށްދިން 2 ލަނޑާއެކު، ޖުމްލަ 49 ޖަހައިދީގެން ޕޯޗްގަލް ގައުމީޓީމަށް އެންމެ ގިނަ ލަނޑުގެ ޖެހުމުގެ ރެކޯޑް މުގުރާލާފައެވެ.
މިމަޤާމް ކުރިން އޮންނަނީ ޕޯޗުގަލްގެ ކުރީގެ ކުޅުންތެރިޔާ ޕައުލެޓާ އަތުގައެވެ. އޭނާ ވަނީ 47 ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. ރޭ ކެމަރޫން އާ ބައްދަލު ކުރި މެޗުން ޕޯޗުގަލް މޮޅުވީ 5 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގައި ކޮންޓްރާއޯ، މިރާލެސް، އަދި އެޑީނިއޯ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ 1 ލަނޑު ޕޯޗުގަލްއަށް ކާމިޔާބުކޮށްދީފައެވެ. ކެމަރޫންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަބޫބަކުރު އެވެ.
ރޭގައި ކުޅުނު ރަހުމަތްތެރިކަމުގެ ބައެއް މެޗުތަކަށް ބަލާލާއިރު މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމު އަދި ފުޓްބޯޅައިގެ ރަސްގެފާނު ބްރެޒިލް ވަނީ މަޝްހޫރު ޒުވާން ކުޅުންތެރިޔާ ނޭމާ، ކާމިޔާބުކޮށްދިން ހެޓްރިކާއެކު 5 ލަނޑު 0 ލަނޑުގެ ބޮޑު ތަފާތަކުން ސައުތު އެފްރިކާގެ މައްޗަށް ކުރި ހޯދާފައެވެ. އަނެއް 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮސްކާ، އަދި ފެނާންޑީނިއޯއެވެ.
އިނގެރޭސިން ޑެންމާކުގެ މައްޗަށް ކުރި ހޯދީ ލިވަޕޫލަށް މިހާރަކަށް އައިސް ގިނަ ލަނޑުތަކެއް ޖަހަމުން އަންނަ ސްޓުރިޖް، ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކުއެވެ. ޖަރުމަނުވިލާތް މޮޅުވީ ޗިލީއާ ދެކޮޅަށް ކުޅެ މާރިއޯ ގޮޓްޒޭ، ޖެހި ހަމައެކަނި ލަނޑާއެކުއެވެ.
ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން މޮޅުވީ ވޯލްޑްކަޕްގެ ތަށި 4 ފަހަރު އުފުލާލައިފައިވާ އިޓަލީގެ މައްޗަށް 1 ލަނޑު 0 ލަނޑުގެ ތަފާތަކުންނެވެ. ސްޕެއިންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒްއެވެ.
ފްރާންސް ނެދަލޭންސްގެ މައްޗަށް ކުރި ހޯދީ 2 ލަނޑު 0 ލަނޑު 0 ލަނޑުގެ ތަފާތަކުންނެވެ. ފްރާންސްއިން ޖެހި ދެ ލަނޑު ކާމިޔާބުކޮށްދިނީ ބެންޒަމާ އަދި މަތޫބީއެވެ. ގިނަ ބަޔަކު ހީކުރި ގޮތާ ޙިލާފަށް ލިޔޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުން އަންނަ އާޖެންޓީނާ މެޗް ނިމުނީ ރޮމޭނިޔާއާ ދެކޮޅަށް ކުޅެ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެރެތް ބޭލްގެ މޮޅު ކުޅުމަކާއެކު ވޭލްސް، އައިސް ލޭންޑްގެ މައްޗަށް ކުރި ހޯދީ 3 ލަނޑު 1 ލަނޑުގެ ތަފާތަކުންނެވެ. މި މެޗްގައި ގެރެތް ބޭލް، ޖޭމްސް ކޮލިންސް އަދި ސޭމް ވޯކްސް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ 1 ލަނޑު ކާމިޔާބުކޮށްދީގައެވެ. އައިސް ލޭންޑްގެ ހަމައެކަނީ ލަނޑު ކާމިޔާބުކޮށްދިނީ ޖޯހަން ބާރގް 23، އެވެ.