.ބ.މާއްޑުއާއި ބ.ދަކަންދޫ، ރަށު ކައުންސިލުތަކަށް ދޫކުރަން ނިންމައިފި އެވެ.
މި ދެރަށާއި އެކު އިތުރު 23 ރަށް ކައުންސިލު ތަކަށް ދޫކުރަން ނިންމައި އެރަށްރަށަށް ކައުންސިލްތަކުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސަވޭ އޮތޯރިޓީ މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، 25 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލާފައިވަނީ، ‘މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު’ގެ ފަސްވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ފަޅުރަށްތަކެވެ.
ރަށްރަށުގެ ތަރައްގީގެ ބޭނުމަށް ރަށްރަށުގެ ކައުންސިލްތަކުން އެދޭ އިހުތިސާސުން ބޭރުގައި ހިމެނޭ ފަޅުފަޅާއި ރަށްރަށް އެ ކައުންސިލްތަކަށް ހަވާލު ކުރެވޭނެ ގޮތަށް ހަމަޖައްސާ އެކަމުގެ އުސޫލު ސަރުކާރުން ގެޒެޓް ކުރީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
ގަވާއިދު ބުނާގޮތުން، ރަށްރަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ. އަދި، ރަށް ދޫކުރާނެ ފަރާތްތައް ނިންމާނީ، ވަޒީރުންގެ މަޖިލީހުގެ ހުއްދައާ އެކު ރައީސް އެވެ. މިގޮތަށް ކައުންސިލްތަކަށް ދޫކުރާ ރަށް ރައީސްގެ ހުއްދައާ އެކު، ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުންފަދަ ކަންކަން ގަވާއިދުން ހުއްދަ ކުރެ އެވެ.
ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.