ކުރިއަށް އޮތް މަހު ހުރިހާ ކައުންސިލަކާ ރައީސް ބައްދަލުކުރައްވަނީ

b_laJEOGA1ljkUjLfxK8sL8tUlh.jpeg

8 ފެބްރުއަރީ 2024: ރައީސް މުއިއްޒު، ކިނބިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ---- ފޮޓޯ: ރައީސް އޮފިސް

ކުރިއަށް އޮތް މަސް ދުވަސްތެރޭ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ތ.ކިނބިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅު ވަނީ ކައުންސިލް އޮންނަ ތަނަކަށް އެ މަނިކުފާނު ދިއުން ކަމަށާއި ކައުންސިލްތައް އެ މަނިކުފާނުގެ އަރިހަށް ގެނައުމަށް ބޭނުންފުޅުނުވާ ކަމަށެވެ.

މާލޭގެ މޭޔަރުގެ މަގާމު ފުރުއްވިއިރު ވެސް މަސައްކަތްޕުޅު ކުރެއްވީ އެގޮތަށް ކަމަށާއި ކުރިމަގުގައި ވެސް އުޅުއްވަން ބޭނުންފުޅުވަނީ އެ ގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

”އެހެންވީމާ މި އަތޮޅު މި ނިމެނީ. އަންނަ ހަފުތާގައި އިރާދަކުރެއްވިއްޔާ ރާއްޖެއިން ބޭރު ދަތުރެއް އެބައިން. އެ ދަތުރު ނިންމާފައި އަންނަ ގޮތަށް މަސް ދުވަސް މި ކަނޑައަޅަނީ ގާތްގަނޑަކަށް. ހުރިހާ ކައުންސިލަކާ އަޅުގަނޑުމެން ބައްދަލުކުރަން ރަށްރަށަށް ދާނަން. ހުރިހާ ކައުންސިލަކާއި ޑަބްލިޔުޑީސީއާ. އެކަމަކު ހުރިހާ ރަށަކަށް ނުދެވޭނެ. އަތޮޅުގެ އެކިއެެކި ރަށްރަށް ޗޫސްކޮށްފައި އެހެން ރަށްރަށުގެ ކައުންސިލްތައް ގެނެސް ކަންކަން އޮޅުން ފިލުވާނަން،” ރައީސް ވިދާޅުވިއެވެ.

ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، ރައްޔިތުން ބޭނުންވާ ކަންކަން އައްސަަވައި ބޭނުންވާ ކަންކަން މަގުފަހިކޮށްދީ، ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

“އޭރުން މަހެއްހާ ދުވަސް ތެރޭގައި އަޅުގަނޑަށް އެ ބައްދަލުވަނީ ހުރިހާ ރައްޔިތުން ރިޕްރެޒެންޓް ކުރާ، ރަމްޒު ކޮށްދޭ ހުރިހާ މުއައްސަސާތަކާ ހުރިހާ ކައުންސިލްތަކާ. އޭރުން ގާތުން ރައްޔިތުންނަށް މަސައްކަތް ކުރުމުގެ ފަސޭހަކަން ލިބިގެން ދިޔައީ،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

ތ. އަތޮޅަށް ރައީސް މި ކުރައްވާ ދަތުރުފުޅަކީ އެ މަނިކުފާނު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުގައި މި އަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވިއިރު، ހުރިހާ ރަށެއްގެ ކައުންސިލަކާ އެ މަނިކުފާނު ވަނީ ބައްދަލުކުރައްވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top