ދިވެހިން އާއްމުކޮށް ބޭނުން ކޮށްއުޅޭ ބޭހެއް ކަމުގައިވާ ޕެނަޑޯލް ބޭނުންކުރުން މިހާރަށް ހުއްޓައިލުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.
އެމްއެފްޑީއޭ އިން މިގޮތަށް އަންންގާފައިވަނީ އެއޮތޯރިޓީން ހަދަމުން އަންނަ ޓެސްޓުތަކަކާ ގުޅިގެންނެވެ.
އެ އޮތޯރިޓީން ބުނީ ރާއްޖެ އެތެެރެކޮށް ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް ‘ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން’ ހަަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ.
މި ބޭހުގެ ސާމްޕަލެއް މާކެޓުން ނަގައި، ޓެސްޓު ކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އޮތޯރިޓީން ބުނީ އާންމު ގޮތެއްގައި އެފަދަ މައްސަލަ ދިމާވަނީ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ނުވަތަ، ބޭސް އުފެއްދުމުގައި ސަމާލުވާންވީ ކަންކަމަށް ނުބެލުމުން ކަމަށެވެ.
މިފަދަ ބޭހެއް ބޭނުންކުރުމުން އޭގެ އަސަރު އެންމެ އެކަށީގެންވާ ގޮތަށް ނުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެހެންވެ އެ ބޭހުގައި މައްސަލައެއް ވޭތޯ އިތުރަށް ބަލައި ދިރާސާކުރަމުން އަންނަ ކަމަށް ބުންޏެވެ. އަދި ތަހުގީގު ނިމެންދެން ފާމަސީތަކުން ބޭސް ނުވިއްކުމަށް ވަނީ އެދިފައެވެ. އަދި މިހާރު މި ބޭސް ރާއްޖެ އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން މިވަގުތު ގުދަން ކުރެވިފައިހުރި މި ބޭހުގެ ސްޓޮކް ވަކިކުރުމަށްފަހު ރައްކާކުރަންޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމަށް އިލްތިމާސް ކުރައްވައެވެ.
ފެނަޑޯލަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބޭހަކަށްވެފައި އެ ބޭސް މިވަގުތު ބޭނުންނުކުރެވުނު ނަމަވެސް ފެރަސެޓެމޯލް 500 މިލިގްރާމާއި އޭގެ 11 ބްރޭންޑަކާއި ޕެރަސެޓެމޯލް 650 މިލިގްރާމުގެ 7 ބްރޭންޑެއް އެޕްރޫވް ޑްރަގު ލިސްޓުގައި ހިމެނެ އެވެ.