ރާއްޖޭގެ ތިން ސަރަހައްދެއްގައި ސެންޓަރު ތަކެއް އަޅައި، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ މީހުންގެ އާއިލާ ކައިރިއަށް ދެވޭނެ ގޮތް ހަދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މީރުމާ ހޮޓަލުގައި ‘ފަހި ފަތުރުވެރިކަމަށް އަންހެނުން’ ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެއީ ރައީސްގެ ވައުދުފުޅުތަކުގެ ތެރޭ ހިމެނޭކަމެއް ކަމަށެވެ.
އަދި ރާއްޖޭގެ ސެންޓްރަލް އޭރިއާތައް ޑީސެންޓްރަލައިޒް ކުރުމަކީ ވެސް ރައީސްގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިހާރު ޕްލޭނިން މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނުގައި މި ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
އަދި އެ ހިސާބަށް ނިސްބަތްވާ ރިސޯޓުތަކުން އެންމެ ކަނެކްޓިވިޓީ ރަނގަޅު ގޮތް ބަލަމުން އަންނަކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
“މީގެ ބޭނުމަކީ ރާއްޖެއިން އާންމުކޮށް، އަޅުގަނޑު ވެސް ހަމަ 15 އާއި 20 އަހަރާއި ދޭތެރޭގައި އަޅުގަނޑު މަސައްކަތް ކުރިން [ޓޫރިޒަމް] އިންޑަސްޓްރީގައި. އެންމެ ބޮޑު ގޮން ޖެހުމަކަށް ވަނީ އަބަދުވެސް އަންހެން ބޭފުޅަކަށް އިންޑަސްޓްރީއަށް ވަޑައިގަންނަވަން، ސްކޫލު ނިމުނީމަ ވެސް ހަމަ އެންމެ ފަސޭހައިން ވިސްނުންފުޅަށް އަންނަނީ ރިސޯޓެއްގައި މާހައުލު އެބަ އޮތް ބާވައޭ،” ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަނެހެނުންނަށް ކުރިމަތިވާ ދަތިތަކަށް ރައީސް މުއިއްޒުގެ މި ސަރުކާރުގައި ހައްލު ލިބޭނެކަމަށެވެ.
އަދި އާއިލާއެއް ފެށުމަށްފަހު، ރަށުން ބޭރުގައި މަސައްކަތް ކުރަން ދަތިވި ނަމަވެސް އެ ކަމަށް ހައްލެއް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.