ރާއްޖެއިން ފައިލޭރިއާ ޖެހުނު މީހުންގެ އަދަދު 32 އަށް އަރައފި އެވެ.
ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާގެ ވޭދަނަތަކެއް މިފަހުން ފެނިފައިވަނީ ހދ. ކުޅުދުއްފުށިންނެވެ. އެ ވޭދަނަތަކާއި ގުޅިގެން ބިދޭސީން ދިރިއުޅޭ ސައިޓުތަކުގައި ޓެސްޓްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެޗްޕީއޭއިން މިއަދު ބުނީ، ފައިލޭރިއާގެ ކޭސްތަކެއް ފެނުމުގެ ސަބަބުން އެ ބައްޔަށް މީހުން ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އިއްޔެއާއި އޭގެ ކުރީ ދުވަހު މާލޭ ސަރަހައްދުގައި ޖުމުލަ 89 މީހަކު ވަނީ އެ ބައްޔަށް ޓެސްޓުކޮށްފައެވެ. އެއީ، މާލެއާއި ވިލިމާލެއާއި ހުޅުމާލެއާއި ގުޅީފަޅާއި އަދި ތިލަފުށީންނެވެ.
މީގެ އިތުރުން ކުޅުދުއްފުށިން 25 ފައްސިވެ ޖުމްލަ އަދަދު 32 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 683 މީހަކު ވަނީ މި ބައްޔަށް ޓެސްޓް ކޮށްފައެވެ.
މިހާތަނަށް ކުރެވުނު ޓެސްތްތަކުން ދިވެއްސަކު ފައްސިވެފައެއް ނުވެއެވެ. ފައްސިވެފައިވާ ނަތީޖާތަކަށް ބަލާއިރު، ހިމެނެނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ 10މީހަކާއި، އިންޑިއާގެ ބިހާރުގެ 18 މީހަކާއި، އިންޑިއާގެ ޓެމިލްނާޑޫގެ އެކަކާއި އިންޑިއާގެ ގޯޕާލް ގަންޖުގެ އެކެއްގެ އިތުރުން ބަންގަލްދޭޝްގެ ދެ މީހަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.
މި ބައްޔަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.
މި ބައްޔަކީ ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، 12-8 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަލާމާތްތައް ފެންނަ ބައްޔެކެވެ.