ބ.އަންހެނުންފުށީގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތްކުރަމުން އަންނަ އއ.ތޮއްޑޫ ދޫރެސް ، ގަމީރާ އާދަމްގެ ޚިދުމަތް ފާހަގަކޮށް ބ.އަތޮޅު ކައުންސިލްގެ ފަރާތުން ހަނދާނީ ފިލައެއް އަރުވައިފިއެވެ.
އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާއި އެކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ނަސްރާ ބައިބެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތު އޮތީ ބ.އަންހެނުންފުށީގައެވެ.
ބ. އަތޮޅުކައުންސިލުން ވިދާޅުވާގޮތުގައި ގަމީރާގެ މި ޚިދުމަތް ފާހަގަކުރުމުގެ ބޭނުމަކީ އަންހެން ބޭފުޅަކު ޚާއްސަކޮށް އަތޮޅުން ބޭރުގެ އަންހެން ކަނބަލަކު ބ.އަތޮޅުގައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރުމުގެ ގޮތުންކަމުގައެވެ. އޭނާގެ މިމަސައްކަތުން އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކުގެ އިގްތިސާދަށްވެސް އެކަމުގެ ފައިދާ ކުރަމުން ދިއުމާއެކު ގަމީރާގެ މިމަސައްކަތަށް ހިތްވަރު ދިނުންވެސް މެއެވެ.
ގަމީރާ ، އަންހެނުންފުށީގައި ދަނޑުވެރިކަމުގެ މަސައްކަތްކުރަމުން އަންނަތާ މިހާރުވަނީ ހަތް އަހަރު ވެފައެވެ. މިސިނާއަތް ކުރިއެރުވުމަށް އޭނާ ކުރި ބުރަމަސައްކަތާއެކު މިއަދު އޭނާގެ އުފެއްދުންތައް 18ރިސޯޓަށާއި ދެރަށަކަށް މެދު ނުކެނޑި ސަޕްލައިކުރާކަމަށް އޭނާ ބުންޏެވެ.
ވަރަށް ކުޑަގޮތަކަށް މިރަށުގައި ފެށި ދަނޑުވެރިކަމުގެ މަސައްކަތް މިހާރުވަނީ 28 މުވައްޒަފުންނާއެކު ދަނޑުވެރިކަމަށް ބޮޑު އިންގިލާބެއް ގެނުވާފައެވެ. ރާއްޖޭގައި މިހާ ފުޅާކޮށް ދަނޑުވެރިކަން ނުކުރެވޭނެ ކަމަށް ގަބޫލުކުރި އެތައްބައެއްގެ ހީކުރުންތައް އެއީ ކުށްހީއަކަށް ބަދަލުކޮށް ގަމީރާވަނީ 15 ވައްތަރުގެ ތަރުކާރީއާއި މޭވާ ބާޒާރަށް ނެރެ އެތަކެތި ތާޒާކަމާއެކު ލިބޭނެގޮތް ހަދައިދީފައެވެ. ރާއްޖޭގައި އެއްގޮތަކަށްވެސް ނުހެއްދޭނެކަމަށް ނިންމައިގެން ތިބި ކިތަންމެ ބާވަތެއް ގަމީރާވަނީ ހައްދައި އެތަކެތި މާކެޓަށް ނެރެފައެވެ. އޭގެ ތެރޭގައި ދެވައްތަރުގެ މޭބިސްކަދުރު ހިމެނެއެވެ.
ގަސްތަކަށް ޖެހޭ ބަލިތަކަށް ބޭނުންކުރަމުން އަންނަ ބާރުގަދަ ކެމިކަލްގެ ބަދަލުގައި އޯގަނިކް ފާޓިލައިޒަރ ބޭނުންކޮށްގެން ދަނޑުވެރިކަންކުރެވޭނެ ގޮތްތައްވެސް ގަމީރާ އަންނަނީ ހޯދަމުންނެވެ. އޭނާގެ މި ހޯދުންތަކުން ޔަގީން ކުރެވިފައިވާ އެއްބޭހަކީ މިރުސްގަސްތަކަށް ޖެހޭ އާއްމު ބަލީގެ ފަރުވާއެވެ. ކުރިން ބޭނުންކުރަމުންއައި ބާރުގަދަ ކެމިކަލްތަކުގެ ބަދަލުގައި އޭނާގެ އާއީޖާދުގެ ސަބަބުން ދިވެހި ދަނޑުވެރިންނަށް ހަމަގައިމުވެސް އެއީ އުފާވެރި ޚަބަތރަކަށް ވެގެން ދާނެއެވެ.
ގަމީރާ ބުނީ މިރުސްގަސްކައިރީގައި ސަދުބަރަކަ އާއި ގަދަކޯޅި އާއި އޮރިގާނާ އިންދުމަށެވެ. މިރުސްގަހަށް ޖެހޭ އެންމެ އާއްމު ބަލި ތަކުގެ ފަރުވާއަކީ އެއީ ކަމުގައެވެ.
ރަނގަޅު އާމްދަނީ އެއްވެސް ލިބޭތީއާއެކު ގަމީރާ ހުރީ ދަނޑުވެރިކަމާ ދުރަށްދާގޮތަކަށްނޫނެވެ. އޭނާހުރީ އަދިވެސް އިތުރު ހޯދުންތަކާއެކު އާބާވަތްތައްވެސް ހެއްދުމުގެ ހިތްވަރާ ޝައުގުވެރިކަމާއެކުގައެވެ. އެކަމުގައި އޭނާއާ އެންމެގާތުގައި ތިބީ އޭނާގެ ދަރިންނެވެ.
ގަމީރާއަކީ ހިދުމަތްތެރި އަންހެން ބޭފުޅުންގެ އަގު ވަޒަން ކުރުމަށްސަރުކާރުން ދޭ ރެހެންދި އެވޯޑު މިދިޔަ އަހަރު ހާސިލްކޮށްފައިވާ ކަނބަލެކެވެ.