އިޒްރޭލުން ފަލަސްތީންގައި ހިންގާ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް ޖިހާދު ކުރުމަށް ދިވެހިންގެ ބަޔަކު ފަލަސްތީނަށް ދިޔަ ކަމަށް ބުނާ މައްސަލައެއް ބަލަމުންދާކަމަށް ނެޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން ބުނެފި އެވެ.
ފަލަސްތީންގައި ޖިހާދު ކުރުމަށް ތިން ދިވެއްސަކު އުރުދުންއަށް އެތެރެވެފައިވާ ކަމަށް ބުނެ އެކަމާ ގުޅުންހުރި ޕޯސްޓެއް ދިވެހއްސެއްގެ އައިޑީއަކުން ފޭސްބުކްގައި ވަނީ ހިއްސާކޮށްފަ އެވެ.
މި ޕޯސްޓް ޝެއާކޮށް ޖިހާދަށް ދިޔަ ކަމަށް ބުނާ މީހުންނަށް ވަރަށް ގިނަ ބަޔަކު ވަނީ ހިތްވަރު ދީފަ އެވެ.
އެ މައްސަލަ ބަލަން ފެށީ އާންމު މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ތިން ދިވެއްސަކު ހަނގުރާމައަށް ފަލަސްތީނަށް ދިއުމަށްޓަކައި އުރުދުންއަށް އެތެރެވެފައިވާ ކަމަށް ބުނުމުން އެ އެކައުންޓްގެ ވެރިފަރާތް ބެލުމަށްފަހު އެވެ. މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި ހަރުކަށިކޮށް އެކުލަވާލާފައި އޮންނަ ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބޭރުގެ ހަނގުރާމަތަކަށް ދިއުމާއި، ބައިވެރިވުމާއި އެފަދަ ކަމެއް ހިނގާ ސަރަހައްދަކަށް ދިއުމަކީ މަނާ ކަމެކެވެ.
އެކަމަކު މީގެ ކުރީން ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން 173 މީހަކު ޖިހާދަށް ގޮސްފައި ވެއެވެ. އޭގެ ތެރެއިން މިހާރު ސީރިޔާގައި ތިބީ 59 މީހުންނެވެ.