އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާނެ ދުވަސް މަހު އިއުލާން ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވޭނީ އަންނަ މަހުގެ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު ކަމަށެވެ. އަދި އިންތިޚާބު ބާއްވާ ދުވަސް ރޯދަމަހާ ދިމާވުން ވަރަށް ގާތް ކަމަށާއި އެއީ ޤާނޫނު އޮތްގޮތުން ދިމާވާ ކަމެއް ކަމަށް ހަބީބު ވިދާޅުވި އެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް ނޮވެމްބަރ މަހުގެ ތެރޭގައި އާންމު ކުުރުމަށް މަސައްކަތް ކުރަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް އަންނަ މަހުގެ ތެރޭގައި ކޮމިޝަނުން އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.
މީގެއިތުރުން މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ފައިނަލް ވުމުން، އެ ދާއިރާތަކަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ތައްޔާރުކޮށް، އެ ލިސްޓު ބޭނުންވާ ފަރާތްތަކަށް ހިއްސާ ކުރުމަށްޓަކައި، މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ދުރާލާ އާންމު ކުރުމަށް ވެސް އީސީން މަސައްކަތް ކުރަމުންދާ ކަމަށް ހަބީބު ވިދާޅުވި އެވެ.