ފަތުރުވެރިކަމުގެ ޓެކްސް ނެގުމުގައި ލުއިތަކެއް ދޭން ހުށަހެޅުމެއް

IGEtpUyOUqEX9nmnbn5OCoAgizS7b2PXqKnfTrIL.webp

ފަތުރުވެރިކަން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ރާއްޖޭގެ ސަރަހައްދުތަކުން ޓެކްސްގެ ލުއިތަކެއް ދޭން ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް މިއަދު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރު ސަލީމް ހުށައަޅުއްވާފައިވަނީ، ފަތުރުވެރިކަން ފުޅާވެފައިނެތް ސަރަހައްދު ތަކުގައި އިންވެސްޓުކުރާ ފަރާތްތަކަށް 10 އަހަރުގެ މުއްދަތަކަށް އިމްޕޯޓު ޑިއުޓީ ކަނޑައިދިނުމާއެކު، ޓެކްސްތަކުގެ 50 އިންސައްތަ ކަނޑައިދިނުމަށެވެ.

ހަމަ އެހެންމެ ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތައް ވެސް ތޮއްޖެހިފައިވަނީ މާލެ ސަރަހައްދުގައި ކަމަށް ވިދާޅުވަމުން އިތުރަށް ވިދާޅުވީ މާލޭ ސަރަޙައްދުގައި ފަތުރުވެރިކަން ފުޅާވެފައިވަނީ، ފަތުރުވެރިކަން ތަޢާރަފްވި ދުވަސްވަރު އިންވެސްޓްކުރި ފަރާތްތަކުގެ އަތުން ޓެކްސްތަކެއް ނުނެގުމުން ކަމަށެވެ. އެހެންކަމުން މުޅި ރާއްޖެއަށް އެއްހަމައެއްގައި ޓެކުސް ތަންފީޒުކުރަމުން ދިއުމަކީ އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްގީވެފައިހުރި ސަރަޙައްދުތަކުގައި އެ ވިޔަފާރި ފުޅާކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެހެން ދިމާވެގެން އުޅެނީ ދަތުރުފަތުރުގެ އަގު އިންތިހާއަށް ބޮޑުވުން ކަމަށެވެ. އެހެންވެ އެ ސަރަހައްދުތަކަށް ފަތުރުވެރިން ދާން ފަސްޖެހޭ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ފަތުރުވެރިކަން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް އެއްވަރަކަށް ޓެކްސް ނެގުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ވިދާޅުވިއެވެ.

“މާލެ ސަރަހައްދަށް މި އެޕްލައިވާ ޓެކްސްތައް ފަތުރުވެރިކަން ވަރަށް ކުޑަކޮށް ތަރައްގީވެފައި ހުރި ސަރަހައްދުތަކަށް އެޕްލައި ކުރީމާ އެ ސަރަހައްދުތަކަށް އިންވެސްޓަރުން ޝައުގުވެރިއެއް ނުވޭ. އަދި ރިސޯޓެއް ހެދުމުގެ ނިޔަތުގައި ރަށެއް ހޯދި ކަމުގައި ވިޔަސް، އެ ރަށެއް ތަރައްގީ ކުރުމުގެ އަގު އިންތިހާއަށް ބޮޑުވެގެން ދާތީ 13،14،15،16 އަހަރު ވެގެން ދާއިރު ވެސް ނުހެދި ހުރި ކިތަންމެ ކިތަންމެ ރަށެއް ރާއްޖޭގެ ސަރަހައްދުތަކުގައި އެބަހުރި،”. އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން އެެންމެ ކުޑަކޮށް ތަރައްގީވެފައިވާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް ޓެކްސްގެ ލުއިތަކެއް ދޭން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި 10 އަހަރު ޓޫރިޒަމްގެ ދާއިރާއިން އެ ސަރަހައްދުތަކުން ނެގޭ ޓެކްސް 50 ޕަސެންޓް ލުއިކޮށް ދެއްވުމަށް ގޮވާލެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top