ދަރިވަރުންނަކީ ޒިންމާދާރު ބައެއްކަމުގައި ހެދުމަށް ސިންގަޕޫރުގެ އެޑިއުކޭޝަން މިނިސްޓްރީން ހަރުދަނާ ފިޔަވަޅެއް އަޅުއްވައިފިއެވެ. އެއީ ޕްރައިމަރީން ފެށިގެން ހުރިހާ ކްލާހެއްގައި ކިޔަވަވުންދާ ދަރިވަރުންވެސް ކްލާސްރޫމްސާފުކޮށް ބެލެހެއްޓުމަކީ އެކުދިން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހަމަޖެއްސުމެވެ.
ޗެނަލް ނިއުސް އޭޝިއާއިން ބުނި ގޮތުގައި މިގޮތަށް ހަމަޖެއްސީ ދަރިވަރިން ބޮޑެތިވަމުން އަންނައިރު އެކުދިންނަކީ ޒިންމާދާރު ބަޔަކަށް ހެދުމުގެ ގޮތުންނެވެ.
ސްކޫލް ދައުރުގައި މިއާދަ އެކުދިންގެ ކިބައިގާ އަށަގެންނެވުމުން ބޮޑުވަމުން އަންނަވަރަކަށް އެކުދިންގެ ޒިންމާ އެކުދިންނަށް ވިސްނޭނެ ކަމަށާއި މީގެ އިތުރުން ރަނގަޅު އާދަތައްވެސް އެކުދިންނަށް ދަސްވާނެކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޗީ މެންގް ވިދާޅުވެފައިވެއެވެ.
އެ ގައުމުގެ ބެލެނިވެރިން ދެކޭގޮތުގައިވެސް މިފަދަ ގަވާއިދަކަށް އަމަލު ކުރަން ފެށުމަކީ ކުދިންގެ އަޚްލާގަށާއި އަމިއްލަ ޒިންމާ ކުދިންނަށް އެނގި މިކަމުގެ ސަބަބުން އެކުދިންނަށް ރަނގަޅު އާދަތަކެއް ދަސްވެގެންދާނެ ކަމެކެވެ.
ސިންގަޕޫރުގައި މިއީ އަލަށް ހެދި ގަވާއިދެއްކަމުގައި ވިޔަސް ޖަޕާންގައި މީގެ ކުރިން ވަނީ މިކަހަލަ ގަވާއިދެއް އެލުލަވާލައި އެއަށް އަމަލުކުރަން ފަށާފައެވެ. އެހެނީ ޖަޕާނުގެ ސްކޫލްތަކުގައި މަސައްކަތު މީހުން ނުގެންގުޅެއެވެ. ސްކޫލް ސާފުކޮށް ކުނިކަހައި ބެލެހެއްޓުމަކީ ދަރިވަރުން ކުރަންޖެހޭ ކަމެކެވެ.