ބ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ އިތުރު ހަތަރު ތަނެއް ހިމާޔަތްކޮށްފައިވާ ސަރަހައްދު ތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކުގައެވެ.
މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެންވަޔަރަމެންޓް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ގާނޫނު ނަންބަރު 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު) ގެ ދަށުން ބ.އަތޮޅުގެ އިތުރުން ވ. އަތޮޅުން ޖުމްލަ 12 ސަރަހައްދެއް ހިމާޔަތް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ބ.އަތޮޅުން އަލަށް ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ގޮތުގައި ހިމެނެނީ ބ. ދަރަވަންދޫ ތިލަ ސަރަހައްދާއި ބ.ހުރާ ފަރު ސަރަހައްދާއި ބ.ނެލިވަރު ސަރަހައްދާއި ބ. އިންނަ ފުއްޓެވެ.
ސަރުކާރުން ބުނީ ބ.އަތޮޅުން ހިމާޔަތްކޮށްފައިވާ ހަތަރު ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ސަރަހައްދުތަކެއް ކަމަށެވެ. އަދި، ދިރޭ ތަކެތިން ރީތި، ގުދުރަތީ ރީތި މަންޒަރުތައް ފެންނަ ސަރަހައްދެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
އެ ޕްލޭންގައިވާ ގޮތުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ 10 ޕަސެންޓު ސަރަހައްދާއި، ކުޅިއާއި ފަލާއި ، ޗަސްބިމުގެ 20 ޕަސެންޓް ހިމާޔަތްކުރަން ޖެހެއެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފިނޮޅާއި، އެއް ފަރުގެ އިތުރުން ކަނޑޫފާ ޗަސްބިން ޙިމާޔަތްކުރަން ޖެހެއެވެ.