ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް ތިން ދުވަހުގެ ތެރޭގައި 47،000 އަށްވުރެ ގިނަ މީހުން ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި، 42867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅިކަމަށެވެ. އަދި ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުންވަނީ، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ތެރެއިން، 19000 އަށްވުރެ ގިނަ ފޯމު ވަނީ އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި، އަދި 27000 އަށްވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީ އިން ކުރަމުން އަންނަ ކަމަށް ހަބީބު ވިދާޅުވިއެވެ.
”ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ހިއްސާ ކުރާނެ.” ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވިގޮތުގައި، ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން ކަމަށެވެ.
ރީރަޖިސްޓަރީވާން ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާފައިވާއިރު، މީހުންނަށް ނޭނގި އެމީހުން ރީރަޖިސްޓްރީ ކުރުމަށް ހުށަހަޅާކަން ފާހަގަކޮށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.