އެލާގޯ ބްރޭންޑްގެ ސިޓްރިޒިންގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ނިންމައިފިއެވެ.
ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ “ޑައިތްލީން ގްލައިކޯލް” އަދި “އިތައިލީން ގްލައިކޯލް” ހިމެނޭ ހިމެނޭތޯ ކަށަވަރު ކުރުމަށް، މާކެޓުން ސާމްޕަލް ނަގައި ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ޕާމިކްސް ލެބޯޓަރިން އުފައްދާ ‘ސިޓްރިޒިން އޯރަލް ލިކުއިޑް’ގެ ބްރޭންޑެއް ކަމަށްވާ ‘އެލާޖޯ’ގެ އެއް ބެޗެއްގައި ކެމިކަލް ހުރިކަން ކަށަވަރުވެފައިވާތީ، އެ ބޭސް ވަގުތީ ގޮތުން ބޭނުންކުރުން އެމްއެފްޑީއޭ އިން ވަނީ މަނާކޮށްފަ އެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ބޭހުގެ އިތުރު ބެޗުތައް ވެސް ސްކްރީން ކުރިއިރު، ހުރިހާ ބެޗެއްގައި ވެސް އެ ކެމިކަލް ހުރިކަން ކަށަވަރުވެފައިވާ ކަމަށެވެ.
“ވީމާ، މިއަދުން ފެށިގެން މި ބޭހުގެ، މި ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ،” އެމްއެފްޑީއޭގެ އިއުލާނުގައިވެ އެވެ.
އަދި މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ވެސް ވަނީ އަންގާފަ އެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.