ރީތި މިސާލު ދެއްކެވުމަށް މުއިއްޒު އެދިވަޑައިގެންފި

big_Mz6EvKhiYHj1ySqNVPJUbGWvd.jpeg

ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ވެސް ދައްކަންވީ ރީތި މިސާލު ކަމަށާއި ދަށް ލެވެލަށް ވެއްޓިގެން ނުވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދަވަން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެންނެވުމުން އެކަމަނާ އަށް އިދިކޮޅު ސަޕޯޓަރުންތަކެއް ފުރައްސާރަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ށ. ފުނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ހިތްހަމަނުޖެހޭ ކަންތައްތައް ދިމާވާނެ ކަމަށާއި ނަމަވެސް އެފަދަ ކަންކަން ކުރާ މީހުންގެ ލެވަލަށް ވެއްޓިގެން ނުވާނެ ކަމަށެވެ. އަދި މުޖުތަމައުގެ ތެރޭގައި ދިމާވާ ކަންކަމުގައި އަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

“އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިޔާ، އަޅުގަނޑުމެންނާ ދިމާލަށް އެއްޗެއް ބުނީ ނޫނީއްޔާ ރުޅި އަންނަ ކަމެއް ކުރީ، އެހެން ނަމަވެސް އަޅުގަނޑުމެން ވެގެން ނުވާނެ އެއަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން އެކަން ކުރި ފެންވަރަށް އަޅުގަނޑުމެން ވެއްޓޭކަށް،” މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިސާލު ދައްކަން ވާނީ އެއަށް ވުރެ ރީތިކޮށް ކަމަށާއި މި އާދަ މުޖުތަމައުގެ ތެރޭގައި އަށަގަންނުވަންޖެހޭ ކަމަށެވެ. ހަމަޖެހުމުގެ ނޭވާ ލެވޭނީ އޭރުން ކަމަށާއި އެކަން ކުރުމާއިގެން ކުރިއަށްދާން ބޭނުންވާނަމަ އޭނާ އަށް އިތުބާރުކޮށްދޭން މުއިއްޒު އެދިވަޑައިގެންނެވި އެވެ.

މުއިއްޒު ވިދާޅުވީ، ދިވެހިންގެ ތެރޭގައި އޮތް އެކަކު އަނެއްކަކަށް އިހްތިރާމް ކުރުމުގެ އާދަ މިހާރު ނެތިގެން ގޮސްފައިވާ ކަމަށާއި އެއީ އަނބުރާ ގެންނަން ޖެހޭ އާދައެއް ކަމަށެވެ. އެހެން ނޫނީ މުޖުތަމައަށް ހަމަނޭވާއެއް ނުލެވޭނެ ކަމަށް ވިދާޅުވިއެވެ. އޭނާގެ ސަރުކާރެއްގައި އެ ކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ތައުލީމީ ނިޒާމުގެ ތެރެއިން ކުދިންނަށް އެ އާދަތައް ދަސްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ގައުމިއްޔަތާއި އަހުލާގު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނެ ކަމަށް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top