ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމް އާއި 300 އަށް ވުރެ ގިނަ މީހުން އަލަށް ގުޅިއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި ޖަލްސާގައި އެޕާޓީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
ރޭ ޕީޕީއެމަށް ސޮއިކުރި މީހުންގެ ތެރޭގައި އެމްޑީޕީ އާއި ޖޭޕީގައި ކުރިން އުޅުނު ގިނަ ބަޔަކު ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ ލުބްނާ ޒާހިރު، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު އަހްމަދު (މަނިކު)، ޒުވާނުންގެ ލީގުގެ މެންބަރު ޒިޔާން ޝާކިރު ހިމެނެއެވެ. މީގެ އިތުރުން ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދާއި ލަވަކިޔުންތެރިޔާ މުނީފާ އާއި އެކްޓަރު ހާމިދު އަލީ ހިމެނެ އެވެ.
މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވާދަކުރައްވާ އިރު، އިދިކޮޅު ކޯލިޝަނާ ގުޅޭ މީހުން އަންނަނީ އިތުރުވަމުންނެވެ. މުއިއްޒަކީ މިއިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ކެންޑިޑޭޓެވެ.
މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރުގައި މުއިއްޒު ވާދަކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެވެ.