ސަރުކާރު މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު މިއަދުން ފެށިގެން 25 ރުފިޔާއަށް ބޮޑު ކުރަން ނިންމައިފިއެވެ.
މިފްކޯއިން މިހާތަނަށް މަސް ގަންނަމުން އައީ 17 ރުފިޔާގެ މަގުންނެވެ.
މިގޮތަށް ނިންމާފައިވަނީ ރާއްޖޭގެ ބައެއް ކެޔޮޅުންނާއެކު ރައީސް ސޯލިހު ރޭ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކުގެ ވާހަކަ ވެސް އެހުމަށް ފަހު ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.
މިފްކޯ އިން ބުނީ މަސް ގަންނަ އަގު ބޮޑުކުރީ މަސްވެރިކަން ރަނގަޅު ނަމަވެސް މަހަށް ނިކުންނަ ދޯނި މަދުވުމުން މަހަށް ނިކުންނަ ދޯނި އިތުރުކުރަން ހިތްވަރު ދިނުމަށް ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވަނީ ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެ ކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް ވަނީ މަސް ގަންނަ އަގު ބޮޑުކުރުމަށް ވައުދުވެފަ އެވެ.
ރައީސް ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައިވެސް ޔޫރަޕާއި އިނގިރޭސިވިލާތަށް ރާއްޖެއިން އެތެރެކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެ ކަމަށް ބުނެފައިވެ އެވެ.
ބާނާ މަހަށް ހަމަ އަގު ނުލިބުމާއި އައިސް ލިބުމުގައި ދަތިތައް ކުރިމަތިވުމާއި މަސް ކިރޭނެ ކެޕޭސިޓީ ރާއްޖޭގައި ނެތުމަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާދަކުރެއްވި ކެންޑިޑޭޓުން ވެސް ވަނީ މަސް ގަންނަ އަގު ބޮޑު ކުރަން ވައުދުވެވަޑައިގެންފައެވެ.