ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ރިޔާސީ ކެމްޕޭނަށް މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އާދަޔާ ޚިލާފު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އޭދަފުށީ މީހުން ބުނާ ގޮތުންނަމަ މިއީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ލީޑަރަކަށްއެރަށުން ކީ ކީ އެންމެ ހޫނު، އަދި ވަރުގަދަ މަރުހަބާ އަށް ވާނެއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު މައްޗަށް ޖަމާވެފައި ތިބި މީހުންނާ ސަލާން ކުރައްވަން ތިރީހަކަށް މިނެޓު ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި އެވެ.
މުއިއްޒަށް ކަނޑުމަތިންނާއި ފަޅުމަތިން މަރުހަބާ ކިއުމަށްފަހު މުއިއްޒު ރަށަށް އަރާވަޑައިގަތުމާ އެކު ހަތްކޮޅު އިއްޒަތް އެރުވިއެވެ. ހަތްކޮޅު އެރުވުމަކީ ދިވެހި ރަދުން ރަށްރަށަށް ވަޑައިގަންނަވާއިރު އާއި ހުކުރު ނަމާދަށް ވަޑައިގަންނަވާއިރު އާއި، ހިއްޗަށް ވަޑައިގަންނަވާއިރު ވެސް އެ ރަދުންނަށް އިއްޒަތް އެރުވުމުގެ ގޮތުން އަރުވާ އެއްޗެކެވެ. އެހެންވެ، މި ރަށުގައި ތިބި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވެސް މުއިއްޒަށް އެރުވީ ރަސްކަލެއްގެ އިއްޒަތެވެ.
”މުއިއްޒަށް ވޯޓު ނުދީފި ނަމަ، ޔާމީން މިނިވަނެއް ނުވާނެ. ދިވެހިން ދާނީ އަޅުވެތިކަމަކަށް. ލޯން ނުދެއްކި ގައުމު ވިއްކާލަން ޖެހޭ ހިސާބަށް ދާނެ. އެހެންވީމަ، މި ގައުމުގެ އިސްލާމް ދީނާއި މިނިވަންކަން ހިމާޔަތް ކުރަން އަހަރުމެން މިތިބީ އަތުކުރި އޮޅާލައިގެން. އިރާދަކުރެއްވިއްޔާ މިކަން ނިންމާނީ ހަމަ އެއް ބުރުން. އަޅުގަނޑު މިހުރީ ޖާނާއި މާލުން ގުރުބާންވާ ގޮތަށް ތައްޔާރަށް. އީވީ އާއި ވާހަކަދެއްކި އޭދަފުށީގެ އަންހެނަކު ބުންޏެވެ.
ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އޭދަފުއްޓަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. މި ސަރުކާރުން މަގުގައި ތާރުއެޅި ކަމަށް ބުނަމުންދިޔަ ނަމަވެސް، އެއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި %80 ނިންމާފައިވާ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަމިައލް ރަށް އޭދަފުށީގައި ހުންނަވައިގެން ސަލީމް ވިދާޅުވީމި ރަށަކީ ޕީޕީއެމް/ޕީއެންސީގެ ރަށެއްކަމުގަ އެވެ. އަދި ދެ ޕާޓީގެ އަމާޒަކީ އޭދަފުށިން %75 އާއި %80 ދެމެދުގެ މެޖޯރިޓީއެއް ހޯދަން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވި ގޮތުގައި އޭދަފުށީގެ ރައްޔިތުންނަކީ ތަރައްގީ އަށް ލޯބި ކުރާ ބަޔަކު ރަސަކަށް ވާތީ ޕީޕީއެމް/ޕީއެންސީގެ ރައްޔިތުން ތިބީ ތަރައްގީގެ ވިސްނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މިއީ އަބަދުވެސް ކަން ހިނގަމުން އަންނަ ގޮތް. ކުރިއަށް އޮތް ތަނުގައި ވެސް ދާނީ ޕީޕީއެމް/ޕީއެންސީ ވަރުގަދަވަމުން.” ސަލީމް ވިދާޅުވިއެވެ.
އާބާދީގައި 3500 އަށް ވުރެ ގިނަ މީހުން ހިމެނޭ މި ރަށަކީ މުއިއްޒު ވިދާޅުވި ގޮތުގައި ނިސްބަތުން މީހުން ވަރަށް ގިނައިން ދިރިއުޅޭ ރަށެކެވެ. މި ރަށުގެ ރައްޔިތުންނަކީ އެންމެ ކުރީ ޒަމާނުން ފެށިގެން ވެސް ތަރައްގީ އަށް ލޯބި ކުރަމުން އަންނަ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.
“މިދިޔަ ފަސް އަހަރު މިއީ އޭދަފުއްޓަށް އެއްވެސް ކަމެއް ނުކުރާ ފަސް އަހަރު. (މަގު ހެދުމުގެ މަޝްރޫއަކީ) އެމީހުން ފެށި މަޝްރޫއެއް، ކުރި ކަމެއް ނޫން. ދެން އެއްވެސް ކަމެއް މިއޮށް ބޮޑު ރަށުގައި ނުހިނގާ. އެއްވެސް ކަމެއް. މިއީ ސަރުކާރުން ލަދުގަންނަން ޖެހޭ ކަމެއް،” ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އޭދަފުށީ ރައްޔިތުން ރައީސް ސޯލިހަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންވެ އޭދަފުށީގެ އެމްޑީޕީގެ ރައްޔިތުންނަށް ގޮވާލައްވަން ބޭނުންވަނީ މުއިއްޒަށް ވޯޓު ދެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.